ކޮވިޑް-19 ގެ ކޭސް އެއް މާލެއިން އެންމެ ފުރަތަމަ ފެނުނު ހިސާބުން ސަރުކާރުން ވަނީ މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފަ އެވެ. އެއާއި އެކު މާލޭގެ ރައްޔިތުންނަށް ގެއިން ބޭރަށް ނުކުމެ އުޅުން ވަނީ ދަތިވެފަ އެވެ.
ދުވަހަކަށް ވުރެ ދުވަހެއް ލޮކްޑައުންގެ ފިޔަވަޅުތައް ސަރުކާރުން ވަރުގަދަ ކުރި އެވެ. މީގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އޭރު އެނޫން ގޮތެއް ނެތެވެ. ގޭގައި ބަންދުވެފައި ތިބެން ޖެހުމުން މިނިވަންކަން މަތީ ބޭނުން ގަޑިއެއްގައި ބޭރަށް ނުކުމެ ބޭނުން ތަނަކަށް ގޮސް އުޅުނު ދިވެހިންނަށްވީ ދަތިކަމަށެވެ.
އޭގެ ސަބަބުން ނަފްސާނީ ގޮތުން އަސަރު ކުރި އެތައް ބަޔަކު ވެސް އެބައުޅެ އެވެ. ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ލޮކްޑައުން ގައި އޮތުމަށް ފަހު އަލުން ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ދެމުން، ޑޮކްޓަރުންނާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކުން އާދޭހާއި އެކު ރައްޔިތުންގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ.
މި ދެވުނު މިނިވަންކަން އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ. ބަލިން ރައްކާތެރިވުމަށް ކަމާގުޅުން ހުރި އިދާރާތަކުން ދޭ ލަފަޔާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށެވެ. ނޫން ނަމަ އެ މިނިވަންކަން އަލުން ގެއްލިދާނެ ކަމަށް ބުންޏެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އެބޭފުޅުން ތަކުރާރު ކުރަމުން އަންނަނީ އެއް ވާހަކަ އެކެވެ. އެހެން ނަމަވެސް އެ ވާހަކަތައް ހަނދާން ހުންނަނީ މަދު ބައެކެވެ. ބައެއް މީހުންގެ އެއް ކަންފަތުން ވާހަކަތައް ވަދެ އަނެއް ކަންފަތުން ނުކުމުގެން ދާތަން ފެނެ އެވެ.
ހެލްތު މިނިސްތަރު އަބްދުﷲ އަމީން ވަނީ އެ ފިޔަވަޅުތަކަށް ސަމާލުކަން ނުދޭނަމަ ކުރިއަށް އޮތްތާގައި ކޮވިޑް ގެ ނުރައްކާ ބޮޑުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެންމެ ފުރަތަމަ ބަލި ފެނިގެން އައިރު، ބަލީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކަށް ރައްޔިތުން ދިން އެއްބާރުލުމާއި އެކު މި ބަލި ރާއްޖޭގައި ފެތުރުން ވަނީ ބޮޑުތަނުން ކޮންޓްރޯލް ކުރެވިފަ އެވެ.
މިހާރު މިހާލަތުގައި ގައުމު އޮތް އިރު، އަޅަންޖެހޭ ފިޔަވަޅުތަކަށް ރަނގަޅަށް ބޯ ނުލަބައިފި ނަމަ އެހުރިހާ މަސައްކަތެއް ވެސް ދާނީ ފެނަށެވެ. ކޮވިޑް-19 ގެ ދެވަނަ ރާޅެއް އައިސްފި ނަމަ އެކަމުން އަރައިގަތުން ވަނީ އުނދަގޫ ކަމަކަށެވެ.
އެހެންކަމުން ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، އަމާން ކަމާއި ރައްކާތެރިކަން އޮތިީ ހަމަ ދިވެހި ރައްޔިތުންގެ އަތް މަތީގަ އެވެ.