ads
ސިފައިންތަކެއް ހަރަކާތްތެރިވަނީ--
މިނިވަންކަމުގައި ތިބެ ގައްދާރުވަނީ!
މިއަދު މިދަނީ މިނިވަންކަމުގެ ކުލަތަކުން، މި މިނިވަން ފަޒާ ދިއްލެމުން، މިނިވަން ޖޯޝާއި މިނިވަން ފޯރީގައި މި ހުއްބުލް ވަތަންގެ މިނިވަން ޖައްވު ގުގުމަމުންނެވެ. މިނިވަން ކަމުގެ ހިޔަލުން މިވެރިންނަށް މިނިވަންކަމުގެ ފިނިކަން ލިބެމުންނެވެ. މިނިވަންކަމުގެ އުހައުވެރި 55 އަހަރު ފުރުން ފާހަގަ ކުރަމުންނެވެ. މިފަދަ އުފަލެއް ލިބޭއިރު ކޮންމެ ފަރުދަކަށްވެސް އިހުސާސްތަކެއް ކުރެވޭނެއެވެ.

މިނިވަންކަމުގެ ފޮނި އުފާ އިހުސާސް ވެގެންދޭ

އަޅުވެތިކަމުގެ ހިތި ރަހަ މިއަދުގެ ޒުވާން ޖީލަށް ތަޖުރިބާކުރެވިފައި ނުވިނަމަވެސް، މިނިވަންކަމުގެ ފޮނި މީރުކަން މިދަނީ ތަޖުރިބާކުރެވެމުންނެވެ. ހަގީގީ މިނިވަންކަމެއްގެ މުހިއްމުކަން މިދަނީ އިހްސާސްކުރެވެމުންނެވެ. މިދީބުގެ އަދީބު އަބްދުއްރަޝީދު ހުސައިން ވިދާޅުވާ ފަދައިން "މިނިވަންކަމުން އަޅުވެތިކަމަށް ދާނުހޭ " ބުނެ ކުރެވޭ ސުވާލަށް " ނުދާނަމޭ ބުނާ ފަދައިންނެވެ. އެހެންކަމުން، ހަނދާން އާވެގެންދަނީ މިއަދު މިދެކޭ މިނިވަންކަމުގެ ހަގީގީ ކުލަ އާ ހަމައަށް ގެނެސް ދެއްވި އަގުހުރި ބަތަލުންގެ މަތިންނެވެ. މިނިވަންކަމަށް 55 އަހަރު ފުރުމުން ކުރެވޭ ފޮނި އިހުސާސަކީ 1965 ވަނަ އަހަރުގެ ޖުލައިމަހު 26 ވަނަ ދުވަހު، އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސރު، އިނގިރޭސިންގެ ހިމާޔަތުން ދިވެހިން މިނިވަން ކުރެއްވި ފޮނި އުފާތަކެވެ.

އިބްރަތްތަކެއް ލިބިގެންދޭ

ތާރީހީ ފަތްފުށްތަކަށް ނަޒަރު ހިންގައިލާއިރު، އެތަކެއް ފަހަރުމަތިން ރާއްޖޭގެ މިނިވަންކަން ނަގާލުމަށްޓަކައި، އެކިއެކި ފަރާތްތަކުން މަސައްކަތްކޮށްފައި އެބަހުއްޓެވެ. ހިތާމައަކީ، މިއިން ކޮންމެ ފަހަރަކުވެސް، އެކަންކަމުގައި ދިވެހި ގައުމަށް ގައްދާރުވެރި ދިވެހީންގެ ބަޔަކު ހިމެނޭކަމެވެ. ހިލާލީ ދަރިކޮޅުގެ ނުވަވަނަ ހަސަން ރަސްގެފާނާއި ނޮވެމްބަރ ތިނެއްގެ ހަމަލާގައި ބައިވެރިވި ސަގަރު ނާސިރާއި ލުތުފީމެން ފަދަ މީހުންގެ އަމަލުތަކުން މިކަމަށް ހެކިލިބެގެން ދެއެވެ. އެހެންކަމުން، މިއަދު އުފާވެރިކަމާއެކު ފާހަގަކުރަމުންމިދާ، 55 އަހަރުގެ މިނިވަންކަމުގެ ތާރީހުގައި އެ ގައްދާރުންގެ ގައްދާރުކަން ހަނދާންނައްތާލައިގެން ނުވާނެއެވެ. އެކަންކަން މާޒީއާ އެކުވެ ދިޔަދީގެން ނުވާނެއެވެ. އެއިން ކޮންމެ ކަމަކީ، އެކަމުން އިބްރަތް ލިބިގަންނަންޖެހޭ ކަމެކެވެ. ވިސްނާ ފިކުރުކޮށް، މިއަދުގެ ޖީލު ހަމަ މަގަށް އަޅުވައި، ރަނގަޅު ތަރުބިއްޔަތެއްދީ ގައުމީ ލޯބި އަށަގަންނުވަން ޖެހެއެވެ. މިނިވަންކަމަށް 55 އަހަރު ފުރުނު ހިނދު އަޅުގަނޑުމެންގެ ތާރީހީ ފަތްފުތްތަކުން ލިބެންހުރި އިބްރަތްތަކެއްގެ ހަނދާން އާވެގެން ދެއެވެ.

ގައުމީ ޖޯޝާއި ގައުމީ ލޯބި އިތުރުވެގެންދޭ

މިނިވަންކަމުގެ އުފާ މިއަދު ފާހަގަކުރަމުންދާއިރު، ދެން އެންމެ ބޮޑަށް ވިސްނަންވީ އެއްކަމަކީ، މިނިވަންކަމަށް ލޮޅުންއެރި އެކި ދުވަސްވަރު، ދިވެހީންގެ އަތުން މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ، މިއަދު މިދެކޭ ފަދަ ތަރައްގީއެއް ގައުމަށް ލިބިފައިވާ ދުވަސްވަރެއްގައެއް ނޫން ކަމެވެ.

އެފަދަ ދުވަސްވަރެއްގައި މިނިވަންކަމަށްޓަކައި ގުރުބާންވެ ވަޑައިގެންނެވި، މިނިވަންކަމުގެ ބަތަލު މުހައްމަދު ތަކުރުފާނާއި، އެތަކުރުފާނުގެ ބައިވެރިންނާއި، ޝަހީދުންގެ ވެރި އަލީ ރަސްގެފާނާއި، ދިވެހި ގައުމުގެ އިއްޒަތާއި ގަދަރު ލިބިވަޑައިގެންފައިވާ ހަސަން އިއްޒުއްދީން ނުވަތަ ދޮން ބަންޑާރައިން އަދި 55 އަހަރު މި ފުރުނު އިނގިރޭސި ހިމާޔަތުން ދިވެހިން މިނިވަން ކުރެއްވުމަށް އިސްވެ ހުންނެވި އޭރުގެ ވަޒީރު އިބްރާހީމް ނާސިރު ފަދަ ބޭބޭފުޅުން ގައުމަށްޓަކައި ގުރުބާންތަކެއް ވެވަޑައިގަތީ ކޮންކަހަލަ ގައުމީ ލޯތްބެއް ހިތްޕުޅުގައި އުފެދިގެންތޯ؟ ގައުމަށްޓަކައި ކޮންކަހަލަ މަތިވެރި ކުލުނެއް އާލާވެގެންތޯ؟ ކޮންފަދަ މަތިވެރި ރޫހެއް އުފެދިގެންތޯ؟

މިކަންކަމަކީ، މިއަދު އަޅުގަނޑުމެން ވިސްނައި އަޅުގަނޑުމެންގެ ޅަ ސިކުނޑިތަކުގައި އަށަގަންނުވަންވީ ކަންތައްތަކެވެ. މިނިވަންކަމަށް 55 އަހަރު ފުރުނު ހިނދު އަޅުގަނޑުގެމެންގެ ހިތްތަކުގައި ގައުމީ ޖޯޝާއިން ގައުމީ ލޯބި އިތުރު ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ބޭރުގެ ނުފޫޒުތަކުން ސަލާމަތް ވުން

އިއްޔެ އަޅުގަނޑުމެން ދުށް ދުނިޔެއާ، މިއަދު އަޅުގަނޑުމެން މިދެކޭ ދުނިޔެއާ ހާސްބައި ތަފާތު އެބަހުއްޓެވެ. މިއަދު، އެއް ބަޔަކު، އަނެއް ބައެއްގެ މައްޗަށް ބާރު ފޯރުވަނީ ކަނޑި ބަޑިންނެއް ނޫނެވެ. ބިރު ދައްކަނީ ހަތިޔާރުގެ ތޫނުކަމަކުންނެއް ނޫނެވެ. ބޮން އަޅާ ގޮއްވަމުންދަނީ ގެދޮރާއި ބިންތަކެއް ނޫނެވެ. އެއަށްވުރެ ބޮޑަށް މިއަދު ދުޝްމަނުން ވެރިވެގަންނަނީ، އަޅުގަނޑުމެންގެ ޅަ ސިކުނޑިތަކަށެވެ. ހިތްތަކަށެވެ. ތަރައްގީ އާއި ތަހުޒީބޭ ކިޔައިގެން ކުޅެނީ އަޅުގަނޑުމެންގެ ހިތްތަކާއެވެ. ވީއިރު، މިނިވަންކަމަށް 55 އަހަރު ފުރުނު ހިނދު މިކަންކަމަކީ، މިއަދު ވިސްނަންވީ ކަންތައްތަކެވެ. ފިކުރު ކުރަންވީ ކަންތައްތަކެވެ. ނޫން ނަމަ، މިހާރު ދެކެމުންމިދާ މިނިވަން ކަން ގެއްލި ދިއުމަކީ ގާތްކަމެކެވެ. މިނިވަންކަމަށް ގަރުނެއް ފުރުމުގެ އުފާ ލިބިގަތުމަށްޓަކައި ބަވަނަވަމުންދާ ދުނިޔޭގެ ފިކުރީ ހަނގުރާމަތަކުން ސަލާމަތްވެ ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެ މަގަށް ޒުވާން ޖީލުގެ މިސްރާބު ހިފުމަކީ ގައުމުގެ އިސްވެރިންގެ އެންމެ މުހިންމު ވާޖިބެއެވެ.

ކަންމިހެން ހުރުމާއެކު، މިނިވަންކަމަށް 55 އަހަރު ފުރިގެންދާހިނދު، މިނިވަންކަން ލިބިގެން އައިގޮތާއި، އަޅުވެތިކަމަށް ހުށަހޮޅިގެން ދާގޮތްތަކާއި މިނިވަންކަން ހޯދައިދިނުމަށް ގައުމީ ބަތަލުން ވެވަޑައިގެންނެވި ގުރުބާނީގެ މަތިން ހަނދާން އާކުރުން ވަރަށްވެސް މުހިއްމެވެ. އަދި މިއަދު ލިބިފައިމިވާ މިނިވަންކަން އަންނަން އޮތް ޖީލާ ހަމައަށް ވާސިލްކޮށް ދިނުން ވަރަށް މުހިއްމެވެ. މި މިނިވަން ފަޒާގައި ދިވެހި މިނިވަން ދިދަ ވިހުރޭތަން އަބަދުމެ ދުށުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުއްމީދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް