ads
ފޮޓޯ: ރައީސް އޮފީސް
އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓާ ރިޓަޔާ ކުރައްވައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެކްޓިން މެނޭޖިން ޑިރެކްޓާ، މޫސާ ސޯލިހް ކުންފުނީގެ ވަޒީފާ އިން ރިޓަޔާ ކުރައްވައިފި ކަމަށް އެކުންފުނިން ބުނެފި އެވެ.

ކުންފުނީގެ މުވައްޒަފުންނަށް އެމްއޭސީއެލް އިން ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ޖުލައި 26 ވަނަ ދުވަހުން ފެށިގެން އެމްޑީ މޫސާ ސޯލިހް ވަޒީފާ އިން ރިޓަޔާ ކުރައްވާފައި ވާކަމަށެވެ. 

މޫސާ ސާލިހް އަކީ 39 އަހަރަށް ވުރެ ގިނަ ދުވަހު އެމްއޭސީއެލް އަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާ، ކުންފުނީގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށް ސާކިއުލާ ގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

އެމްއޭސީއެލްގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ މޫސާ ސޯލިހަކީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބޮޑުބޭބެފުޅެވެ. 

ކުރިއަށް އޮތް ދުވަސް ތަކަކީ އެމަނިކުފާނަށް އުފާވެރި، ފާގަތި ދުވަސްތަކަކަށް ވުމަށް އެމްއޭސީއެލް އިން އެދޭއިރު އެކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އެމަނިކުފާނަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސް އޮފީހުން ވަނީ އެމްއޭސީއެލް ގެ އެމްޑީ ގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެމްއޭސީއެލް އަށް އެމްޑީއަކު ހަމަޖެއްސުން ލަސްވަނީ އެކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ހިނގަމުންދާތީ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. 

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވި އާދިލް މޫސާ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އޭނާގެ އިސްތިއުފާ ޕްރައިވެޓައިޒޭޝަން ބޯޑުން ގަބޫލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް