ޖެމެއިކާއަށް އުފަން، އިނގިރޭސި ލިއުން ތެރިއާ ލޭޑީ ކޮލިން ވަނީ އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުންނާ ބެހޭ ގޮތުން ހަތަރު ފޮތެއް ލިއުއްވާފައެވެ. އޭނާ އަލަށް ލިއުއްވަމުންގެންދަވާ "ހެރީއާއި މެގަން"ގައި އޭނާ ބަޔާންކުރައްވާފައިވާ ގޮތުގައި މެގަން މަސައްކަތް ކުރައްވަމުން ގެންދަވަނީ ހެރީގެ މަންމާފުޅުފަދަ އާންމުންގެ ރާނީއަކަށް ވެވަޑަގަތުމަށެވެ.
ލޭޑީ ކޮލިންގެ ފޮތުގައި ހެރީއާއި މެގަން ޝާހީ ހައިސިއްޔަތު ދޫކޮށްލެއްވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް ބަޔާންކޮށްފައިވެއެވެ.
ލޭޑީ ކޮލިން މަޖައްލާއަކަށް ދިން ބަސްދީގަތުމެއްގައި ބުނީ ހެރީއާއި މެގަން ޝާހީ އާއިލާއާ ވަކިވެވަޑައިގަތުމަށް ނިންމެވުމަކީ ހިތާމަވެރި ނިންމެވުމެއްކަމަށެވެ.
"އެ އާދަޔާ ޚިލާފު ނިންމެވުމުގެ ފަހަތުގައި ވަނީ މެގަންގެ ވިސްނުންފުޅު." ލޭޑީ ކޮލިން ބުނެފައިވެއެވެ. "އެމެރިކާގެ ކުރީގެ ފިލްމީތަރި މެގަން މާކުރީއްސުރެ ވިދާޅުވަމުން ގެންދެވީ އޭނާއަށްވުރެ ހެރީގެ ވިސްނުންފުޅު ކޮށިކަމަށް. ޝާހީ އާއިލާއާ ވަކިވެވަޑައިގަތުމަށް ނިންމެވީ މެގަން. އަދި އޭގެފަހުން މެގަން ގެންދަވަނީ މައިދައިތާފުޅާ އެއްފަދަ މަޝްހޫރުކަމެއް ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން."
ލޭޑީ ކޮލިން ބުނިގޮތުގައި ހެރީގެ ދިރިއުޅުމަށް މެގަން ނައިނަމަ، ހެރީ މިއަދުވެސް ހުންނެވީހީ ޝާހީ އާއިލާގެ ބޭފުޅެއްގެ ގޮތުގައެވެ.
"ހެރީ އެހެން ބޭކަނބަލާކާ ކައިވެނިބައްލަވައިގެންނެވިނަމަ ހުންނަވާނީ ޝާހީ އާއިލާގެ ބޭފުޅެއްގެ ގޮތުގައިކަން އަޅުގަނޑަށް ޔަގީން." ލޭޑީ ކޮލިން ބުންޏެވެ. "އަޅުގަނޑަށް ވަރަށް އިތުބާރާއެކު ބުނަންކެރިދާނެ މެގަން ބޭނުންފުޅުވަނީ ޑަޔަނާގެ މަގާމު ހޯއްދަވާށޭ. ޑަޔަނާއާ އެއްވަރުގެ މަގުބޫލުކަމެއް ހޯއްދަވާށޭ."
ލޭޑީ ކޮލިން ބަޔާންކުރާ ގޮތުގައި މެގަން ހީފުޅުކުރެއްވީ ޝާހީ ދިރިއުޅުން ދޫކޮށްލެއްވުމުން ލިބިވަޑައިގަންނަވާ މަޝްހޫރުކަމާއި މަގުބޫލުކަމުގެ އެހީގައި ހޮލީވުޑުގެ އަލިގަދަ ބޮޑުތަރިއަކަށް ވެވަޑައިގަތުމަށް އޭނާއަށް ފުރުސަތު ލިބިވަޑައިގަންނަވާނޭކަމަށެވެ.
"އިނގިރޭސިވިލާތުން ކެނެޑާއަށް އަދި ކެނެޑާއިން ލޮސްއެންޖަލްސްއަށް އެދެކަނބަލުން ދިރިއުޅުއްވުން ބަދަލު ކުރެއްވުމުން މެގަން ހީފުޅުކުރެއްވި ގޮތަށް ކަންތައްތައް ވަމުން ދާތަނެއް އަދި ނުފެނޭ." ލޭޑީ ކޮލިން ބުންޏެވެ. "މެގަންއަށް އެކަމަނާގެ މަގުސަދު ހާސިލުކުރެއްވުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ."
ވަރަށް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އަނބިކަނބަލުން މެގަންގެ ވިސްނުންފުޅާ އެއްގޮތަށް ހެރީ ކުރައްވާ ކަންތައްތަކުން ލިބިވަޑައިގަންނަވާނެ ފައިދާއެއް ނެތެވެ.