ads
އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން--
ސަފާރީ ރޭޕް: ފުލުހުންގެ މައްސަލާގައި އެންއައިސީން ހަނު!
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލު ކުރިގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ތަހުގީގެއް ފެށި އެވެ. އެކަން އެ ކޮމިޝަނުން ހާމަކޮށްފައިވަނީ ޖޫން 30 ވަނަ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މައުލޫމާތު ދެމުންނެވެ.
Advertisement

އެދުވަހުގެ ބައްދަލުވުމުގައި އެންއައީސީގެ ރައީސް އަހުމަދު ސުލައިމާން ވަނީ އެމައްސަލަ ފެންމަތިވުމާ ގުޅިގެން ކޮމިޝަނުން އަމިއްލައަށް މައްސަލަ ބެލުމަށް ނިންމި ކަމަށެވެ. އަދި ހާލަތާއި މައްސަލާގެ ހައްސާސް ކަމަށް ބަލައި ލިބިދޭ ބާރުގެ ދަށުން އެމައްސަލަ ބެލުމަށް އެންއައިސީގައި ވަކި ކޮމިޓީއެއް އުފައްދާފައިވާކަމަށެވެ. 

އެ ދުވަހުގެ ބައްދަލުވުމުގައި އެންއައިސީގެ ބައެއް މެމްބަރުން ވަނީ މައްސަލައަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ބައެއް ލިޔެކިޔުން ލިބުން ލަސްވާކަން ހިއްސާ ކޮށްފައެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާއި ގުޅޭގޮތުން އެންއައިސީން ބަލަންފެށި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނަށް ތަކުރާރުކޮށް ގުޅުމުން އަދި މެސެޖް ކުރުމުންވެސް ޖަވާބެއް ދެއްވާފައި ނުވާތީ އެ މައްސަލައިގެ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. 

ސަފާރީ ރޭޕްގެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތާއި މެދު އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އިރު ފުލުހުން އަމަލު ކުރި ގޮތް ބެލުމަށް މަޖިލީހުގެ ގިނަ މެމްބަރުންވެސް ވަނީ ގޮވާލާފަ އެވެ. ފުލުހުންނާއި ގުޅޭ މިފަދަ މައްސަލަތައް ބެލުމަށް ގާނޫނުގެ ދަށުން ބާރުލިބިގެން އުފައްދާފައިވާ މިނިވަން މުއައްސަސާއަކީ އެންއައިސީއެވެ. 

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ އެންއައިސީގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ނިންމާފައެވެ. އެގޮތުން ނިންމުމާއި ގުޅިގެން އެންއައިސީގެ ތިން މެމްބަރަކު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ. އެއީ ކޮމިޝަނުގެ ނައިބް ރައީސް ހައްސާން ހަމީދާއި މެމްބަރު އަހުމަދު އަމީންގެ އިތުރުން ހަދީޖާ އަބްދުﷲ އެވެ. 

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ދުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ފާސްވެސް ކޮށްފައެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ޖުލައި 21 ވަނަ ދުވަހު އެވެ. 

ސުލައިމާނަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކޮށްފައި ތިބި މެންބަރުންގެ ތެރެއިން މެންބަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް