ads
ފޮޓޯ: ރައީސް އޮފީސް
މުލިއާގެއަކީ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެން ޖެހޭ ތަނެއް: ރައީސް
މުލިއާގެއަކީ މި ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާއި ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެން ޖެހޭ ތަނެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement
މުލިއާގެއަކީ މި ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާއި ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެން ޖެހޭ ތަނެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ މުލިއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުލިއާގެއަކީ ތާރީހެއް އޮތް ތަނެއް ކަމުގައި ވިދާޅުވެ ރައީސް ވަނީ މުލިއާގޭގައި ދައުލަތުގެ އެތައް ވުޒާރާއެއް ހިންގެވުމުގެ އިތުރުން އެއީ ވަރަށް ގިނަ ހިދުމަތްތަކެއް އެތަނަކާ ގުޅިފައިވާ ތަނެއް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މުލިއާގޭގައި ރިޔާސީ ގަނޑުވަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބޮޑުވަޒީރުގެ އޮފީހާއި ދާހިލީ ވުޒާރާ އާއި ހާރިޖީ ވުޒާރާގެ އިތުރުން ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމާއި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާއި ވަލީ ކޮމިޓީ ހިންގުމުގެ އިތުރުން ދިވެހިރާއްޖެ އިނގިރޭސިންގެ އިސްތިއުމާރުން މިނިވަން ކުރުމުގެ މުހިއްމު ވާހަކަ ވެސް ދެކެވުނު ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ސަގާފަތާއި ތާރީހް ރައްކާތެރި ކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެއް ކަމަށް ފާހަގަކުރައްވާ، ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ އެވޭލާ ޒަމާނުގެ މުއްސަނދި ސަގާފަތަކާއި ތަރިކައެއް އޮތް ތަނެއް ކަމުގައެވެ. އަދި ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމަކީ އަންނަން އޮތް ޖީލުތަކަށް، އަޅުގަނޑުމެންގެ ކާބަފައިން އުޅުނު ގޮތާ، ކުރި މަސައްކަތް ފޯރުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަގާފަތަކީ މިއަދުގެ ގޮތުން ނަމަ އިގްތިސޯދުގެ ވެސް ބައެއް ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުން އެކި ރަށްރަށަށް ފަތުރުވެރިން ދަތުރު ކުރާ އެންމެ މުހިއްމު އެއް ސަބަބަކަށްވެފައި އޮންނަނީ އެގައުމެއްގެ ތަރިކަ އާއި އެގައުމެއްގެ ސަގާފަތާއި އެގައުމެއްގެ ދިރިއުޅުން ހުރި ގޮތް ދެނެގަތުން ކަމަށާއި އަދި ހާއްސަކޮށް މިލޭނިއަމްގެ ކުދިން ދަތުރު ކުރުމުގައި އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި އޮންނަނީ ތަރިކަ އާއި ސަގާފަތް ދެނެގަތުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ދިވެހިރާއްޖޭގެ ތަރިކަ އާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އިސްކަންދެއްވައިގެން ވަޒީރުންގެ މަޖިލީސް އެކުލަވާލިއިރުގައި މިނިސްޓްރީ އޮފް އާޓްސް ކަލްޗަ އެންޑް ހެރިޓޭޖްގެ ނަމުގައި އާ ވުޒާރާއެއް އުފައްދަވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އޭގެ ފަހުން ސަގާފީ ތަރިކައާ ބެހޭ ގާނޫނެއް ވެސް މި ސަރުކާރުން ވުޖޫދަށް ގެނެސްދީފައި ވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މުލިއާގޭގެ އާ އިމާރާތަށް 100 އަހަރު ފުރިގެންދާ މި މުނާސަބާގައި، މުލިއާގޭގެ ތާރީހު އެތައް އަހަރަކަށް ދެމިގެންދާކަން ހާމަކުރައްވާ، މިގޯތީގައި އިމާރާތެއް ހުންނަތާ މިހާރު 300 އަހަރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ މުލީ ހަތީބު މުޙައްމަދު ތަކުރުފާނު، މީގެ 300 އަހަރު ކުރިން ހުޅަނގު ދެކުނުކޮޅުގައި އެޅި ކުޑަކުޑަ އިމާރާތެއް. ބިންގަލެއް އަޅާ، ރާނާ އޭގެމަތީގައި މެއްލަޖަހާ ހެދި ގެއެއް. އެގެ ވާރުތަވަމުންއައިސް ހަސަން އިއްޒުއްދީން. އަޅުގަނޑުމެންގެ ދޮންބަންޑާރައިންނަށް މައިފުށުން އެގެ ވާރުތަވެގެންދިޔައީ. އެއަށްފަހު އައްސުލްޠާން އިބްރާހިމް ނޫރައްދީނަށް އެގެ ވާރުތަވުމަށްފަހުގައި އެގެ، އެރަސްގެފާނުގެ ދޮށީ މަނިއްޕުޅު ޝަމްސުއްދީން ތިނަކަށް އެގެ ވާރުތަވެގެންދިޔަ. އެއަށްފަހު އެރަދުން ރަސްކަމުގައި ހުންނަވާ، އެރަދުންގެ ދޮށީ ދަރިފުޅު އަދި ހަމައެކަނި ހުންނެވި ފިރިހެން ދަރިފުޅު ޕްރިންސް އިއްޒުއްދީނަށް މިގެ ހައްދަވާދެއްވީ. މިއަދު އަޅުގަނޑުމެންނަށް މިފެންނަ އިމާރާތަކީ އެއީ،" މުލިއާގޭގެ ތާރީހަށް ނަޒަރު ހިންގަވާލައްވަމުން ރައީސް ވިދާޅުވި އެވެ.

ރޭ ގެ ރަސްމިއްޔާތުގައި، މުލިއާގެއަށް ވިހި އަހަރަށްވުރެ ދިގު މުއްދަތަށް ހިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުން 29 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައި ވެއެވެ.

މުލިއާގެއަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ދެބޭފުޅުން އުމްރާގެ މަތިވެރި އަޅު ކަމަށް ފުރާވަޑައިގެންފައި ވާތީ މި ވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވި ނަމަވެސް 49 އަހަރު މުލިއާގެއަށް ހިދުމަތްކުރެއްވި އިބްރާހިމް ޒަކީގެ އިތުރުން 42 އަހަރު މުލިއާގެއަށް ހިދުމަތްކުރެއްވި އިބްރާހިމް ހަލީމްގެ ނަން ރައީސްގެ ވާހަކަފުޅުގައި ވަކިން ފާހަގަކުރައްވާ، އެ ދެ ބޭފުޅުންނަކީ ދެވަނަ ޖުމްހޫރިއްޔާގެ ހަ ރައީސުންނާއެކު ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަކަށް ވާތީ ޝުކުރު އަދާ ކުރެއްވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް