މާލެއިން ހއ. ކެލާއަށް ގޮސްފައިވާ އެރަށުގެ ސަވާރީ ބޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެ ރަށްތައް މޮނީޓަރިންގެ ހާލާތަށް ގެނެސް އަރާ ފޭބުން މަނާކޮށްފަކަމަށް ރަށު ކައުންސިލުތަކުން މައުލޫމާތު ދެއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހއ. ކެލާ ކައުންސިލްގެ ނައިބް ރައީސް އާމިނަތު އިސްމާއީލް ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށާއި ކޮންޓެކް ޓްރޭސިންގެ ކަންތައް އަދިވެސް ކުރިއަށް ދާކަމަށެވެ. އެހެންކަމުން ޒަރޫރީ ބޭނުންމެއްގައި ނޫންގޮތަކަށް އާންމުން ގޭން ބޭރަށް ނިކުތުން މަނާ ކުރެވިފަވާކަމަށެވެ.
ކެލާ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މީގެ ފުރަތަމަ ކޭސް ފެނިފައިވަނީ 25 ވަނަ ދުވަހު ސާވާރީ ބޯޓުގެ ކެޕްޓަން ރޯގާގެ އަލާމާތްތަކެއް ހުރެގެން ހެދި ޓެސްޓު ތަކުން ކަމަށެވެ. އޭނާގެ ޓެސްޓުތަށް ހެދުމަށް ފަހު 27 ވަނަ ދުވަހު ނަތީޖާ ލިބުނުއިރު ފުރަތަމަ ބައްޔަށް ނެގެޓިވް ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ހަމަ އެދުވަހުގެ ރޭ އަނެއްކާ އަންގާފައިވަނީ ކެޕްޓަންގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ކަމަށް ކަމަށެވެ.
ކައުންސިލް އިން ބުނި ގޮތުގައި ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ބުނުމުން ރަށުގެ އާންމުން މަގުތަކުގައި އާންމުކޮށް އުޅޭހެން އުޅެމުންދިޔަކަމަށެވެ. އޭގެ ފަހުން އެރޭ ޕޮޒިޓިވް ކަމަށް އަނެއްކާ އަންގާފައިވާތީ ފަހުން ކެޕްޓަން ކަރަންޓީން ކޮށްފައިވާނޭކަމަށެވެ. އެޔަށްފަހު ހެދި ޓެސްޓު ތަކުން ބޯޓުގެ 8 ފަޅުވެރިންނާއި ބޯޓުގައި ދަތުރު ކުރި ލަންކާގެ މީހަކު ޕޮޒެޓިވް ވެފައި ވާކަން އެގުނު ކަމަށެވެ.
ކައުންސިލުން ބުނީ މިހާރު ކޮންޓެކްޓް ޓްރޭސިން ގާތްގަޑަކަށް ނިިފައިވާ ކަމަށާއި އިތުރަށް މީހަކު ޕޮޒިޓިވް ވާނަމަ އިގޭނީ އެޗްޕީއޭއިން އެންގުމުން ކަމަށެވެ. އެހެންކަމުން މިހާރު ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް އާންމުން ބޭރަށް ނިކުތުން މަނާ ކުރެވިފައި ވަކަމަށާއި ފިހާރަތަކުންވެސް ޑެލިވަރީ ކޮށްދޭނެ ތަންތަން ބަލާ ރައްޔިތުންނަށް ފަސޭހައިން ޑެލިވަރީގެ ހިދުމަތް ދޭން މަސައްކަތް ކުރަމުން ދާކަމަށެވެ.
ސަވާރީ ބޯޓު ހދ. ނޮޅިވަރަންފަރާއި ހއ. ދިއްދޫ އަދި އެ އަތޮޅު ވަަށަފަރަށް ޖައްސާފައި ވާތީ އެރަށްތަށް މޮނިޓަރިންގެ ހާލަތަށް ގެނުވުނީ ކަމަށް އެ ރަށްރަށުގެ ކައުންސިލުން ބުނެފައިވެއެވެ.