ads
ޔާސިރު--
ޔާސިރު ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދެވެން ނެތް: ސިވިލް ކޯޓު
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހުޔާ ގޭ ބަންދަށް ބަދަލު ކުރުމުގެ ވަގުުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
Advertisement

ސިވިލް ކޯޓުން މިއަމުރު ނެރެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޔާސިރުގެ ފަރާތުން ކޯޓަށް ހުށަހެޅި ހުށަހެޅުމަކާއި ގުޅިގެންނެވެ. 

ކޯޓަށް އޭނާ ހުށަހެޅި ހުށައެޅުމުގައި އެދިފައިވަނީ އިމިގުރޭޝަނުން ދޫކޮށްފައިވާ މެރިއޭޖް ވިސާ ކެންސަލްކޮށް، އޭނާ ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުން ހުއްޓުވައި ދިނުމަށާއި، މައްސަލަ ނިިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. 

ޔާސިރުގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ގޮތުން މިމައްސަލައަކީ އިތުރު ދެ ދިވެއްސެއްގެ ހައްގަށް އުނިކަމެއް އަންނާނެ މައްސަލައަކަށް ވުމުން އޭނާގެ މެރިއޭޖް ވިސާ ކެންސަލު ކުރި ކުރުން ބާތިލްކޮށްދިނުމަށް އެދިފައިވެ އެވެ.

ޔާސިރުގެ ހުށަހެޅުމުގައި އިތުރަށް ފާހަަގަކޮށްފައިވަނީ، އޭނާ ބަހައްޓާފައިވާ ގޮޅީގެ މާހަލުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންކަމުން ދައުވާ ކުރާ މީހަކަށް ލިބިދެން ޖެހޭ ހައްގުތައް އެންމެ ފުރިހަމައަށް އޭނާއަށް ފޯރުކޮށްދިނުމަށް ދައުވާ ކުރާ ފަރާތްތަކަށް އަމުރުކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ. އަދި ބަންދުކޮށްފައި ހުންނަ ތަނުގެ ގޮތުން އޭނާގެ ސިއްހަތަށް ގެއްލުން ވަމުންދާތީ އާއި އޭނާ އަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހަކަށް ވާތީ ކޯޓުން އޭނާއާއި މެދު ވަކި ގޮތެއް ނިންމެން ދެން ގޭބަންދަކަށް ބަދަލުކޮށްދިނުމަށް އެދިފައިވެ އެވެ.

އެހެންނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ސިވިލް ކޯޓުން ނިންމަވާފައިވަނީ އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޓެރަރިޒަމާއި ގުޅުންހުރި ކަމެއްގައި 2017 ވަނަ އަހަރުގައި ޔާސިރު ޔަހުޔާ ހައްޔަރު ކޮށްފައިވަނީ، ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެންނެވެ. ޔާސިރުގެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ އަހަރު ވިދާޅުވެފައިވަނީ އޭނާގެ މައްސަލާގައި ސީރިއަސް ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި އެ މައުލޫމާތު ފަހުން ދެއްވާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިނަމަވެސް މިއަދާހަމައަށް ވެސް އެކަމުގެ މައުލޫމާތު ދެއްވާފައެއް ނުވެއެވެ.

ޔާސިރުގެ މައްޗަށް ދައުވާއެއް ވެސް ކޮށްފައި ނުވާއިރު އޭނާ ހައްޔަރު ކޮށްފައިވާތީ، ޔާސިރު ވަނީ މީގެ ކުރިން އެކި ފަހަރުމަތިން ބަޑުހައި ހޫނުކަމުގެ ހަޅުތާލުތައްވެސް ކޮށްފައެވެ. ޖުލައި މަހުގެ 21 ވަނަ ދުވަހުވެސް ޔާސިރު ޔަހުޔާ ވަނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސްވެ، އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދީފަ އެވެ.

ޔާސިރު ޔަހުޔާއަކީ ދިވެއްސަކާއި ކަވެނިކޮށްގެން އުޅޭ މީހަކަށްވާއިރު އެދެމަފިރިންގެ ކުއްޖަކުވެސް ހުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް