އެގޮތުން ދެވަނަ ކުއާޓާގައި އެމްޓީސީސީ އިން އިތުރު އަށް މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. އަދި ޖުމްލަ 75 މަޝްރޫއެއްގެ މަސައްކަތް ނިމިދިޔަ ކުއާޓާ ގައި ކުރިއަށް ގެންދެވިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
އެމްޓީސީސީ އިން ބުނީ ލޮކްޑައުންގެ ސަބަބުން ފާއިތުވި ކުއާޓާގައި އެކުންފުނީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ހަރަކާތްތައް މަޑުޖައްސާލާފައި ވާކަމަށެވެ. އެކުންފުންޏަކީ ޕަބްލިކް ކުންފުންޏަކަށް ވުމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން ބެލުމުގެ މަސައްކަތް ލޮކްޑައުންގެ ތެރޭގައި ވެސް އެކުންފުނިން ކޮށްފައިވާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.
އެގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން އާޓްވޯކްތަކެއް ތައްޔާރުކޮށް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވާނެ ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.
އޭގެ އިތުރުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން އާއި އެކު އެމްޓީސީސީ އިން ކުރަމުންދިޔަ މަސައްކަތްތަކާ ބެހޭ މައުލޫމާތުތައް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާއި ހިއްސާކޮށްފައި ވާނެ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އަދި ކޮވިޑް-19 ގެ އަލާމަތް ނެތް ރަށްރަށުގައި އެކުންފުނިން ހިންގަމުން ގެންދިޔަ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް އެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ރައްޔިތުންނާ ހިއްސާ ކޮށްފައިވާ ކަން އެމްޓީސީސީ އިން ފާހަގަކުރެ އެވެ.
ފާއިތުވި ކުއާޓާގައި ޔަންމާ ޕްރޮޑަކްޓްސްތަކާއި ބެހޭ އިތުރު މައުލޫމާތު ދިނުމުގެ ގޮތުން އޮންލައިން ޓްރެއިނިން ސެސަޝެނެއް ވެސް އެމްޓީސީސީ އިން ވަނީ ކުރިއަށް ގެންގޮސްފައި އެވެ.