ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ކަންޒުކަހަބެއް ދުވާ މަންޒަރެވެ. މި ކަންޒުކަހަބު ފުރާޅުމަތިން ނުވެއްޓޭނެ ހެން ވަލެއް ޖަހާފައިވާތަންވެސް ވީޑިއޯއިން ފެނެއެވެ.
އާންމުވެފައި އެ ވީޑިއޯއަކީ މިއަދު ހެނދުނު މާލެއަށް ވިއްސާރަ ކުރި އިރު ނަގާފައިވާ ވީޑިއޯއެއްކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެކަން ޔަގީނެއް ނުވެ އެވެެ.
ވީޑިއޯއިން ފެންނަ މި ކަންޒުކަހަބަކީ ފުދޭ ވަރަކަށް ބޮޑު ކަންޒު ކަހަބެއްކަން ފާހަގަކުރެވެއެވެ.
ކަންޒު ކަހަނބަކީ ވެލާ ކަހަނބުގެ ނަސްލުގެ ތެރެއިން އެއްގަމުގައި އުޅޭ ބާވަތެކެވެ. މާ ދުރުނޫން މާޒީއެއްގައި ކަނޒުކަހަނބަކީ ރާއްޖޭގައި ވަރަށް ގިނައިން އުޅުނު އެއްޗެކެވެ.
ސައިންޓިސްޓުން ބުނާގޮތުގައި ސާފުފެނާއި އެއްގަމުގައި އުޅޭ ކަހަނބުގެ 280 ނަސްލުގެތެރެއިން ގާތްގަނޑަކަށް ތިން ބައި ކުޅަ އެއްބަޔަށް މިހާރު ވަނީ ނެތިދިޔުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. މީގެ ސަބަބުތަކުގެ ތެރޭގައި މަސް ކެއުމަށް ކަހަނބު ހިފުމާއި، އޮޅުކޮށްގެން ގެންގުޅުމަށް ހިފައިގެން ވިއްކުން ހިމެނެއެވެ. އެހެންނަމަވެސް ބޭރު ގައުމުތަކުގައިވެސް އަދި ރާއްޖޭގައިވެސް އެއްގަމު ކަހަނބު ނެތިދިޔުމުގެ އެއްމެ ބޮޑު ސަބަބަކީ އެސޮރުމެންގެ ގުދުރަތީ މާހައުލު ފަނާވެގެން ދިއުންކަމަށް ވެއެވެ.
ހުޅުލޭގައި އެއަޕޯޓެއް ހެދުމުގެ ކުރިން އެތަނުގައި ކަންޒު ކަހަނބު ވަރަށް ގިނައިން އުޅުނެވެ.