ads
ފިހާރައެއްގެ ތެރެ---ފޮޓޯ: ހަލި ނިއުސް
އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފަށް ހިންގި 40 ތަނެއް ބަންދުކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އުސޫލުތަކާއި ހިލާފަށް ހިދުމަތްދިން 40 ތަނެއް ބަންދުކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ 189 ތަނެއް ހިންގަމުން އައީ އެޗްޕީއޭ އިން ނެރެފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާފައިވާ ކަމަށެވެ. އެކަމަކު މިންގަނޑުތަކާއި ހިލާފަށް 40 ތަނެއް ހިންގަމުން އައިކަން ފާހަގަކުރެވި ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

އެޗްޕީއޭ އިން ބުނި ގޮތުގައި މިއަދު ބަންދުކޮށްފައިވަނީ ބޯކޮށާ ތަންތަނާއި ސެލޫންތައް ހިމެނޭ ގޮތަށް ނުވަ ތަނަކާއި 14 ފިހާރައެއްގެ އިތުރުން 16 ކެފޭ/ރެސްޓޯރަންޓެކެވެ. އެޗްޕީއޭ އިން ބުނީ މިއަދު ބަންދުކުރި ތަންތަނުގެ ތެރޭގައި މާރުކޭޓެއް ވެސް ހިމެނޭ ކަމަށެވެ. 

މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީ ކައުންސިލާއި ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ގްރޭޓާ މާލޭ ސަރަހައްދުގައި ބޮޑު އިންސްޕެކްޝަނެއް ފަށާފައިވާއިރު އެ ދުވަހު ވެސް 27 ތަނެއް ބަންދުކުރި އެވެ. އަދި ޖެހިގެން އައި ދުވަހު 99 ތަނެއް ބަލާއި، 50 ތަނެއް ބަންދުކުރިއިރު އިއްޔެ ވަނީ 35 ތަނެއް ބަލާއި، ތިން ތަނެއް ބަންދުކޮށްފަ އެވެ. 

އެޗްޕީއޭ އިން އަންނަނީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިދުމަތްތައް ބަދަލުކުރުމާއެކު ތަންތަން ހުޅުވުމުގެ ހުއްދަ އަލުން ދެމުންނެވެ. އެގޮތުން ބަންދުކުރި ގިނަ ތަންތަން މިހާރު ވަނީ ހުޅުވާފަ އެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި ވިޔަފާރިތަކާއި ޖިމް އަދި ސެލޫންތަކުން ވެސް ހިދުމަތް ދޭން ފަށާފައިވާއިރު އެހިދުމަތްތަކާއެކު ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވެ، ވަނީ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސް ނޯޓިސްއެއް ނުދީ ތަންތަން ބަންދުކުރަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް