މާލޭ ސިޓީ ކައުންސިލުން ކުރި އާންމު އިއުލާނެއްގައި ބުނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާތީ، އަތޮޅުތަކުން މާލެއަށް އަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ބޭނުންކުރާނެ ސަރަހައްދުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އަތޮޅުތަކުން މާލެ އަންނަ ދޯނިފަހަރު ލަފާފުރުމުގައި މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުންކުރުމަށް ހަމަޖައްސައިފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
އަދި އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ބަނދަރު ކުރުމަށް އެމްއެމްއޭ ކުރިމަތި އަދި އެއް ނަންބަރު ޖެޓީ ބޭނުންކުރުމަށް ހަމަޖައްސާފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނީ އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު ލަފާފުރުމުގައި ހުޅުމާލޭ ބަނދަރު ބޭނުންކުރުމަށާއި އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ތިލަފުށީ ބަނދަރު ބޭނުންކުރުމަށެވެ.
އަދި ސިޓީ ކައުންސިލުން ވަނީ ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު ލަފާފުރުމުގައި ފަސް ނަންބަރު ޖެޓީ އާއި ހަ ނަންބަރު ޖެޓީ ބޭނުންކުރުމަށް އަންގާފައެވެ.
މި ސަރަހައްދުތައް ނޫން އެހެން އެއްވެސް ސަރަހައްދަކުން މާލޭ ސިޓީއަށް އަތޮޅުތަކުން އަންނަ އުޅަނދު ފަހަރަށް ބަނދަރު ނުކުރޭވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅޭގޮތުން އެޗްޕީއޭ އިން މާލޭ ސިޓީގައި އަމަލުކުރާނެ ވަކިގޮތެއް ކަނޑައަޅައި އަންގަންދެން، އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލޭއަށް އަންނަ އަދި މާލޭއިން ފުރާ އުޅަނދުފަހަރުތައް މި އުސޫލުގެ ދަށުން އަމަލުކުރަމުން ގެންދިއުމަށް އަންގާކަމަށެވެ.
ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު އެޗްޕީއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެޗްޕީއޭ އިން ވަނީ މާލެ ސިޓީގައި ރޭގަނޑު 10:00 ފެށިގެން ފަތިހު 05:00 އަށް ކާފިއު ހިންގުމަށް ނިންމާފައެވެ.