ތިން މަހުގެ މެދުކެނޑުމަކަމަށް ފަހު ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ގައި ހުޅުވާލިއިރު ސައީދު ވަނީ އިންތިޒާމުތައް އެހާ ރަނގަޅު ނޫން ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.
ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިސްޓުންނަށް ބޯޑަރު ހުޅުވާލިއިރު އަސާސީ ގިނަ އިންތިޒާމުތަކެއް ވަނީ ހަމަނުޖެހި ކަމަށެވެ. އަދި ހާލަތު ދަނީ ގޯހުން ގޯހަށްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ކޯލިޝަން ތެރޭ ގުރުއަތު ލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރަންޖެހޭ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމު، ހުސްވެފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމާއެކު އެވެ. އޭނާގެ މައްޗަށް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނައިރު އަދި ވެސް ޓޫރިޒަމް މިނިސްޓަރުގެ މަގާމު އޮތީ ހުހަށެވެ.
އެ މަގާމަށް މީހަކު އައްޔަން ނުކުރާތާ މިހާރު މަހެއްވާން ގާތްވެފައިވާއިރު ވަގުތީ ގޮތުން އެ މިނިސްޓްރީ ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެވެ.