ފިއްލަދޫއިން ޕޮސިޓިވް ވެފައިވަނީ ފިއްލަދޫއާޢި މާލެއާއި ދެމެދު ދަތުރުކުރާ ބީއެމްއެމްއޭ އެކްސްޕްރެސް ނަމަކަށް ކިޔާ ބޯޓުގެ ތިން ފަޅުވެރިންނެވެ. ޕޮޒިޓިވް ވެފައިވަނީ ދިއްވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ.
ފިއްލަދޫ އިން ޕޮޒިޓިވްވި މީހުންނަކީ ސަވާރީ ބޯޓުން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވީ މީހުންނެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ސަވާރީ ބޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެ ބޯޓުގެ ކެޕްޓަނެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރަމުން އަންނަ އިރު އޭގެ ފަހުން އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
ރާއްޖޭގެ ރަށްރަށުންވެސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އިހަވަންދޫއާއި މާލެ އާއި ދެމެދު ދުއްވާ "ތަހުތު ބޯޓް" ގައި މަސައްކަތް ކުރާ ދެ ބިދޭސީންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން އިހަވަންދޫ އާއި މާލެ އާއި ދެމެދު ދަތުރުކުރާ "242" ބޯޓްގެ ކޭޝިއަރުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ބ ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ އެއްވެސް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހދ ނާވައިދޫ އިން 68 އަހަރުގެ މީހަކުވެސް މިއަދު ޕޮޒިޓިވްވެފައިވެއެވެ އަދި ރ ހުޅުދުއްފާރުގައި ހުރި މީހަކުވެސް ވަނީ ކޮވިޑް ނަވާރަ އަށް ޕޮޒިޓިވް ވެފައެވެ.
މިހާތަނަށް ރާއްޖެއިން 4،600 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިތުރު ވަމުން އަންނަ އިރު މިރޭ ވެސް ވަނީ ގިނަ ބަޔަކު ޕޮޒިޓިވް ވެފައެވެ. 86 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 27 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ މީހަކާއި ފިލިޕިންސްގެ މީހެއްގެ އިތުރުން ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ