ads
ބީއެމްއެލް--- ފޮޓޯ:ސީއެންއެމް
ބީއެމްއެލްގެ އޭޖީއެމްގައި ޕްރީ-ރެޖިސްޓާ ކުރުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ
ބޭންކް އޮފް މޯލްޑިވްސްގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޕްރީ-ރެޖިސްޓާ ކުރުމުގެ ފުރުސަތު އޮގަސްޓް 11 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އޭޖީއެމްގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޕްރީ-ރެޖިސްޓާ ކުރުމުގެ ފުރުސަތު އޮގަސްޓް 11 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 29 ވަނަ ދުވަހުގެ 10:00 އަށް ހުޅުވާލާނެ ކަމަށެވެ. އަދި ޖަލްސާގައި ބައިވެރިވެވޭނީ އެ މުއްދަތުގެ ނިޔަލަށް ޕްރީ-ރެޖިސްޓަރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް އެކަނި ކަމަށް ބީއެމްއެލް އިން ފާހަގަކުރެ އެވެ. 

އެގޮތުން ޖަލްސާއަށް ޕްރީ-ރަޖިސްޓާ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް، އިންފިނިޓީ މެދުވެރިކޮށް ނުވަތަ ފޯމް ހުށަހަޅައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާ ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

އޭޖީއެމްގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓާ ކުރަން ހުށައަޅަންޖެހޭ ފޯމް ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ ކަމަށާއި ފޯމު ފުރިހަމަ ކުރުމަށް ފަހު އެކުންފުންޏަށް މެއިލް ކުރުމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރާނެ ގޮތުގެ ވީޑިއޯ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ. 

ބީއެމްއެލް ގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިއަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓާ ކޮށްފައިވާ ހިއްސާދާރުންނަށް ކަމަށް ބީއެމްއެލް އިން ފާހަގަކުރެ އެވެ. 

ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓް ދިނުމަށް އެހެން ފަރާތެއް ފޮނުވާނަމަ އެކަމަށް ބޭނުންވާ ޕްރޮކްސީ ފޯމް ފުރުމަށްފަހު، 48 ގަޑިއިރުގެ ކުރިން ބޭންކަށް މެއިލް ކުރުމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން އެ ޖަލްސާއަށް މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ޖަލްސާއަށް އެމީހަކު ހާޒިރުވާ ކުންފުނި ތަމްސީލުކުރުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރަކުން ހުއްދަދެވިފައިވާ ފަރާތެއްކަމުގައި ވާންވާނެ ކަމަށް ބީއެމްއެލް އިން ފާހަގަކުރެ އެވެ. 

ޕްްރޮކްސީ ފޯމް މެދުވެރިކޮށް ޕްރޮކްސީ ރަޖިސްޓާ ކުރަން ބޭނުންވާ ހިއްސާދާރުންނަށް ބޭންކުގެ ވެބްސައިޓް އިން ފޯމް ލިބޭނެ އެވެ. ފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރުމަށް ފަހު ބޭންކަށް މެއިލް ކުރުމަށް ބީއެމްއެލް އިން ބުނެ އެވެ. 

އޭގެ އިތުރުން ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑްގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވިފައި ވާކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

އެގޮތުން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި އޮންލައިންކޮށް ރަޖިސްޓްރީކުރުމުގެ އިތުރު މައުލޫމާތު އެމްއެސްޑީ އިން ލިބޭނެ ކަމަށާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ގައި އިންފިނިޓީ އެކައުންޓެއް އޮންނަ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށް ބީއެމްއެލް އިން ފާހަގަކުރެ އެވެ. 

އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އަދި ފޯމް ހުށަހަޅައިގެން ޕްރީ-ރަޖިސްޓާ ކޮށްފައިވާ ހިއްސާދާރުން އަދި ޕްރޮކްސީ ދީފައިވާ ފަރާތް ބާތިލުކުރެވޭނެ ކަމަށާއި އެ ފަރާތްތައް ބާތިލުކުރަން ބޭނުންވާނަމަ، ޖަލްސާއަށް ޕްރީ-ރަޖިސްޓާ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބާތިލުކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

"ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް" މެދުވެރިކޮށް ޕްރޮކްސީ ބާތިލުކުރަން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓާ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު ބީއެމްއެލް އަށް މެއިލް ކުރުމުން ރަޖިސްޓްރޭޝަން ބާތިލްކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް