
ސުޝާންތުގެ ފޯނު ރިކޯޑުތައް މިހާރު ފުލުހުން ބަލާފައިވާއިރު އޭގެއިން އެނގޭ ކަމަކީ ރިއާ އާއި ސުޝާންތުގެ މެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމެވެ. އަދި ބޮޑެތި ފިލްމު އުފެއްދުންތެރިން ވެސް އޭނާއަށް ގުޅާފައިވާކަން އެނގެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު މިވަނީ ރިއާގެ ފޯނު ރިކޯޑުތައް ވެސް ބަލާފަ އެވެ. އޭގެއިން އެނގޭ ކަމަކީ ލޯބިވެރިޔާއަށް ވުރެ ގިނައިން އޭނާއަށް ފޯނުކޮށްފައި ހުރީ ކުރީގެ މެނޭޖަރު ޝްރުތީ މޯދީ އާއި ސުޝާންތުގެ ކުރީގެ ބިޒްނަސް މެނޭޖަރު ސަމުލް މިރަންދާ ކަމެވެ.
އެގޮތުން ފޯނުން ރިއާ ސުޝާންތާއި ވާހަކަ ދައްކާފައި ވަނީ 147 ފަހަރު ކަމަށާއި ޝްރުތީއަށް 808 ފަހަރު އަދި ސަމުލްއަށް 289 ފަހަރު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ.
އަދި ދެ ސައިކޭޓްރިސްޓަކާއި ބޮލީވުޑުގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މަހޭޝް ބަޓްއާ ވެސް ގުޅުން އޮތްކަން ފޯނު ކޯލުތަކުން އެނގޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގެ އެންފޯސްމަންްޓް ޑިރެކްޓޮރޭޓް އޮފީހަށް އިއްޔެ ރިއާ އާއި އޭނާގެ ބޭބެ ވަނީ މަނީލޯންޑަރިންގެ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް ވެސް ގެންގޮސްފަ އެވެ. އޭގެ އެއް ދުވަސްކުރިން ވަނީ ސަމުލް ވެސް އެ އޮފީހަށް ގެންގޮސް ސުވާލުކޮށްފަ އެވެ. އެގޮތުން ގާތްގަނޑަކަށް އަށް ގަޑިިއިރު ސުވާލުކުރުމުގައި ހޭދަކޮށްފައިވާ ކަމަށް ވެއެވެ.
ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ވަނީ މިމަހުގެ 26 ވަނަ ދުވަހު، ރިއާ އާދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. މިއީ ސުޝާންތުގެ މަރުގެ މައްސަލާގައި އޭނާގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ރިއާގެ އިތުރުން، އޭނާގެ އާއިލާއަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ އެ ތުހުމަތުތައްކޮށްފަ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ސުޝާންތު މަރުވެފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅޭ ގޭގަ އެވެ.