ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ސުޕްރިމް ކޯޓުގެ ފަނިޑާރުކަމަށް އައްޔަނު ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވުމާއެކު އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔައި ތަފާތު ވާހަކަތައް ދެއްކިއެވެ. އެ ވާހަކަތަކުގެ ތެރެއިން އެންމެ އަޑު ހަރުކޮށް ވާހަކަ ދައްކަވާ އެންމެ ބޮޑު އިލްޒާމެއް ރައީސް ސޯލިހުގެ ކޮޅުފުޅުގައި އެޅުއްވި އެއް ބޭފުޅެއްކަމަށް އަޅުގަނޑަށް ފާހަގަވީ މަނިކުފާނެވެ. އެހެންކަމުން އަޅުގަނޑުގެ މިސިޓީ މަނިކުފާނަށް އާންމު ސިޓީއެއްގެގޮތުގައި ފޮނުވުމަށް ނިންމީ އެވެ.
އަލީ ރަޝީދުގެ ނަން ފޮނުވުމާ މެދު ޖޭއެސްސީގެ ލަފައަކަށް ފޮނުވުމާއެކު މިދިޔަ ބުރާސްފަތި ދުވަހު ހީވީ އުޑު ބިމަށް ވެއްްޓީގެން އުޅުނު ހެއްޔެވެ. އަޅުގަނޑުގެ ސުވާލަކީ ގާޒީ އަލީ ރަޝީދުގެ ނަން ފޮނުވުމާ މެދު ލަފައަކަށް އެދުމަކީ އަބުދުއް ރަހީމް ތިޔަ ތުހުމަތު ކުރައްވާ ފަދައިން އޭނާ އަށް ދެއްވާ އިނާމެއްތޯ ތިޔަ ކަނޑައެޅުއްވީ ކޮން އުސޫލަކުންތޯ އެވެ. އަދި އެކަމަށް ގެންގުޅުއްވީ ކޮން ހަމައެއްތޯ އެވެ. މި ސުވާލު އަޅުގަނޑުކޮށްލަން މި ޖެހުނީ ތާރީޙުގެ ސޮފުހާތަކުން ފެންނަށް ހުރި ވަރަށް ބޮޑެތި ހަގީގަތްތަކެއްގެ މައްޗަށް ބުރަ ވެ އެވެ.
ތިރީގައި އަބުދުއް ރަހީމް ވިދާޅުވި ވާހަކައެއްތޯ އެވެ.
"ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރުމުގެ އިނާމަކަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދިނުމަށް ރައީސް ސޯލިހު ނިންމެވުމުން ޔަގީން ވެގެން މި ދިޔައީ ރައީސް ޔާމީނުގެ ހުކުމަށް ރައީސް ސޯލިހު ނުފޫޒު ފޯރުވި މިންވަރު،" ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ރަޝީދުގެ ނަން ހުށަހެޅުމުގެ ލަފައަކަށް ޖޭއެސްސީއަށް ފޮނުވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވި އެވެ.
މަތީގައިވާ ވާހަކަ އަބުދުއް ރަހީމް ވިދާޅުވިކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ނޫސްތަކުގައި ރިޕޯޓް ކުރި އެވެ. އަދި އެެއީ މިދިޔަ ބުރާސްފަތި ދުވަހު ހިނގާދިޔަ ކަމެކެވެ. ކަންކަމަށް އިންސާފު ކުރަން ޖެހޭނީ އެއް ކަހަލަ މައްސަލަތަކުގައި އެއް ހަމައަކުން ނޫންތޯ އެވެ. ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި އަލީ ރަޝީދު އިންނެވި އެވެ. ރައީސް ޔާމީން ކުށްވެރިވާކަމަށް ކަނޑައެޅީ ހުކުމްކުރި ބެންޗުގެ އިއްތިފާގުންނެވެ. އެއީ އެ ދުވަހުގެ ނިޔާ އެވެ. ދެން އޮތީ ކުރީގެ ހާދިސާއެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަބުދުލް ބާރީ ޔޫސުފާއި އަބުދުﷲ ދީދީ އާއި ސުޖާއު އުސްމާނެވެ. ރައީސް ނަޝީދު ކުށްވެރިވާކަމަށް އެ ތިން ފަނޑިޔާރުން އިއްތިފާގުވެ ހުކުމް ނެރުނެވެ. ހުކުމް ކުރެއްވި ފަނޑިޔާރުންނަށްވީ ގޮތް ބައްލަވަމާ ހިންގަވާށެވެ.
ރައީސް ޔާމީން ވެރިކަމުގައި ފަނޑިޔާރު އަބުދުﷲ ދީދީ އަށް ދެއްވީ ސުޕްރިމް ކޯޓުގެ ފަނޑިޔާރު ކަމެވެ. ސުޕްރިމް ކޯޓަށް އަބުދުﷲ ދީދީ އައްޔަނު ކުރަން ނިންމެވީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ނިންމެވުމާ އެއްގޮތަށް މަޖިލީހުން އަބުދުﷲ ދީދީ އަށް ރުހުން ދިނުމުން އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް އަބުދުﷲ ދީދީ އައްޔަނު ކުރެއްވީ ރައީސް ޔާމީނެވެ.
މިހާ ހިސާބުން މި ބަލާލަނީ ބުރާސްފަތި ދުވަހު އަބުދުއް ރަހީމް ވިދާޅުވި ވާހަކަ އަށެވެ. ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދު، ސުޕްރިމް ކޯޓް ބެންޗަށް ގެނައުމަށް ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ސޯލިހު ފަނޑިޔާރުގެ އަލީ ރަޝީދުގެ ނަން ފޮނުއްވުމުން، ރައީސް ޔާމީން ޖަލަށް ލުމަށް ރައީސް ސޯލިހު ނުފޫޒު ފޯރުވިކަން ސާބިތުވެއްޖެކަމަށް އަބުދުއް ރަހީމް ނިޔާ ކަނޑައެޅުއްވުމުން ނިކުންނަ ނަތީޖާ އަބުދުއް ރަހީމަށް އެނގިވަޑައިގަންނަވާތޯ އެވެ. އަބުދުއް ރަހީމް އެ އިއުތިރާފުވެވަޑައި އެގަންނަވަނީ ރައީސް ނަޝީދަށް ހުކުމް ކުރެއްވުމުގައި ރައީސް ޔާމީން ނުފޫޒުފޯރުއްވިކަމަށް ނޫންތޯ އެވެ.
ހުކުމް ކުރި ފަނޑިޔާރަށް މަތީ މަރުހަލާގެ ކޯޓުން ޖާގަ ދެއްވުމާ މެދު ލަފައަކަށް އެދުމަކީ އެ ފަނޑިޔާރު ބެއްލެވި މައްސަލައަށް ރައީސް ނުފޫޒުފރުވުން ކަމަށްވާ ނަމަ، ރައީސް ނަޝީދުގެ މައްސަލަ ބެއްލެވި ފަނޑިޔާރު އަބުދުﷲ ދީދީ އަށް ސުޕްރިމްކޯޓުގެ ބެންޗުން ޖާގަ ދޭން ނިންމެވި ނިންމެވުމުން ދަލީލު އެކޮށް ދެނީ ރައީސް ނަޝީދަށް ހުކުމް ކުރި ފަނޑިޔާރަށް ރައީސް ޔާމީން ނުފޫޒު ފޯރުވިކަން ނޫން ދެން ކޮން ކަމެއްތޯ އެވެ.
އަބުދުއް ރަހީމް އެ ގޮތަށް ނިޔާ ކަނޑައަޅުއްވާ ނަމަ ފަނޑިޔާރަށް ފުރަތަމަ ނުފޫޒު ފޯރުއްވައިގެން ހުކުމެއް ނެރުއްވީ ރައީސް ޔާމީން ތާ އެވެ. އެހެން ކަމުން އަބުދުﷲ ދީދީ އަށް ސުޕްރިމް ކޯޓުން ޖާގަ އެ ދެއްވީ ރައީސް ނަޝީދަށް 13 އަހަރަށް ޖަލަށް ހުކުމް ކުރެއްވުމުގެ އެކަމުގެ އިނާމެއްގެ ގޮތުގަތޯ އެވެ. ކޮންމެ ގޮތަކަށް ވިސްނި ނަމަ ވެސް އަދުރޭގެ ބަހުން ބަލާއިރު އަބުދުﷲ ދީދީ އަށް ރައީސް ޔާމީން އެ ދެއްވީ ހަމަ އިނާމެއްތާ އެވެ.
މިއީ މި ރާއްޖެ އަމާން ބަނދަރަށް ގެންދަން އިސް ނަގައިގެން ތިއްބެވި މިގައުމުގެ ލީޑަރުންގެ ފެންވަރާއި ބަސްމަގެވެ. ކަންކަން ބަދަލުކޮށް ތިމާ ބޭނުންނޫން ގޮތަކަށް ކަންކަން ހިނގުމުން ރައްޔިތުން ގުބޯ ހެއްދުމަށް ކުރާ މަސައްކަތްތަކެވެ. އެއީ ރައްޔިތު މީހާ ދެކޭނެ ތަސައްވަރެއް ނޫނެވެ. ރައްޔިތު މީހާ ދެކޭނެ ތަސައްވަރަކީ ފެން ވާނީ ފެނަށެވެ. ލޮނު ވާނީ ލޮނަށެވެ. ނަމަވެސް އަދުރޭ ކަހަަލަ ސިޔާސީ ލީޑަރުންނަށް އެއް ފަހަރު ލޮނު ހަގީގަތުގައި ލޮނަށް ވެ އެވެ. ނަމަވެސް ވައި ބަދަލުވުމާއެކު ލޮނު ފެނަށްވާ ކަހަލަ އެވެ.
މިއީ ތަހުޒީބު މުޖުތަމައެއް ބިނާ ކުރަން އިސް ނަގައިގެން ތިބި މީހުންގެ ބަސް މަގާއި އެ މީހުން ދެކޭ ގޮތެވެ. އެ މަގަށް އެ ވެރިންގެ ކަންކަން ހުންނަ ނަމަ ގައުމާއި ރައްޔިތުން އަދި އަންނަށް އޮތް ޖީލު ދާނީ ކޮން މިސްރާބަކަށް ތޯ އެވެ. ބިނާ ކުރެވޭނީ ކޮން ކަހަލަ ދަރިންތަކެއްތޯ އެވެ. މި ފަދަ ބަޔަކަށް އިސްފުން ޖާގަ ދޭ ނަމަ މިރާއްޖެ ބިނާ ވެގެންދާނީ ހަގީގަތާއި ހިލާފު ވާހަކަ ދައްކާ އެ ފަދަ ވާހަކަތައް ފަތުރާ އަދި އެ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ހަދަން އުޅޭ އިންސާފު ގަބޫލު ނުކުރާ އިސް ލީޑަރުންގެ ޖަގަހަ އެއްގެގޮތުގަ އެވެ.
އަޅުގަނޑު އެދެނީ އެފަދަ ތަނަކަށް މިރާއްޖެ ނުހެދުމަށެވެ. އަބުދުއް ރަހީމުގެ ވެސް ޒިންމާއެއް އެބަ އޮތެވެ. އެ ޒިންމާއަކީ އޮޅުވާލުމާއި ދެކޮޅު ނުޖެހޭ ވާހަކަ ދެއްކުމެއް ނޫންނެވެ. އަމިއްލަ މަންފާއަށްޓަކައި ވާހަކަތައް ދައްކާ މުޖުތަމައު ފަސާދަ ކުރުމެއް ވެސް ނޫނެވެ. އަދި ދަންނަވަމެވެ. އެއް ވައްތަރެއްގެ ކަންކަން ކުރުމުން އެކަންކަން ކުރި މީހުންނަށް ދޭންވާނީ އެއް ހަމައަކުން ދެވޭނެ އިނާމުތަކެވެ. އަލީ ރަޝީދުގެ ނަން ފޮނުއްވީ ރައީސް ޔާމީނަށް ހުކުމް ކުރުމުން ކަމަށްވާ ނަމަ، އަބުދުﷲ ދީދީގެ ނަން ރައީސް ޔާމީނު ފޮނުއްވީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް ކުރެއްވުމުންތާ އެވެ.
އެ ދެ ކަންތަކަކީ އެއްގޮތް ކަންތައްތަކެއް ކަމުން އިންސާފުގެ ތަރާދުން ކިރަން ނުކެރިގެން ދިޔަ އުޅުއްވަނީ ކީއްވެގެންތޯ އެވެ. އިންސާފުގެ ތަރާދުން ކިރަން ނުކެރެނީ އަބުދުއް ރަހީމްމެންނަށް ކުރެވިފައިވާ މުޑުދާރު ނާއިންސާފު އަމަލުތަކުގެ ސަބަބުންތޯ އެވެ. އެ ފަދަ ކަންކަން ފޮރުވުމަށް ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ވުރެ ރައްޔިތުންގެ ކަންކަމާ ހަވާލުވާން ނޫޅުއްވުން މާ ރަނގަޅުވާނެ އެވެ. އޭރުން ތިޔަ ފަދަ ފަސާދަ ކުރާ ވާހަކަ ދައްކާނެ އެކަމު މިގައުމުން މަދުވާނެކަމަށް ފެނެ އެވެ.
އަޅުގަނޑު އެދެނީ ނާއިންސާފުން ވާހަކަ ނުދައްކާ އިންސާފުން ވާހަކަ ދައްކަން ނުކުކެރޭ ސިޔާސީ މީހުންނޭ ކިޔައިގެން އުޅޭ އަބުދުއް ރަހީމް ފަދަ ބޭބޭފުޅުން ރައްޔިތުންގެ ކަންކަމާ ހަވާލުވާން ދެން ނޫޅުއްވުމަށެވެ. އަދި މުޖުތަމައު ފަސާދަކުރުމުގައިއިތުރު ވަގުތު ހޭދަނުކުރެއްވުމަށެވ. މިދިޔަ 10 ވަރަކަށް އަހަރު ދުވަހު މަނިކފާނު ވާނީ މިގައުމުން ވަރަށް ބޮޑެތި މަންފާ ހޯއްދަވާފައިކަމަށް ފެނެ އެވެ.
ވީމާ ރައްޔިތުންނަށް ކުޑާމީސްކޮށް މުޖުތަމައު ހަލާކުނުކޮށް، ހައްގުބަސް ބުނަން ނުކުރޭނަމަ ސިޔާސީ ކަންކަމޭ ކިޔައިގެން ގައުމުގެ ފޭރާން ހަލާކުނުކުރުމަށް އަބުދުއް ރަހީމުގެ އަރިހުން މި އެދެނީ ވަރަށް އަދަބު ވެރިކަމާއެކުގަ އެވެ. ނަމަވެސް ދަންނަވަމެވެ. މި ސިޓީގައި ބަޔާން ކޮށްފައިވާ ދެ ކަމުގައި ވެސް ނޭދެވޭ ކަންތައްތަކެއް ހިނގާފައިނުވާނެކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ އެއް ވައްތަރުގެ ދެކަމެއް ކަމުން އެއްކަން ގޯސް ނަމަ ދެވަނަ ކަން ވެސް ނުވަތަ ދެ ކަންތައް ވެސް ގޯސްވާނެކަމެވެ. މިއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތެވެ. ފަހަރުގައި އަބުދުއް ރަހީމް މިކަމަށް އެއްބަސްވެވަޑައި ނުގަންނަވާފާނެ އެވެ.
ގައުމު ދެކެ ލޯބިވާ
އީސާ ހަސަން ދީދީ/ ސ. ހިތަދޫ