އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ފްލައިޓްގެ ދެ ޕައިލެޓުން ވެސް ވަނީ މަރުވެފައި އެވެ.
އޭގެ އިތުރުން ހާދިސާގައި ޕަސެންޖަރުންގެ ތެރެއިން 16 މީހަކު މަރުވަފައި ވާއިރު، އިތުރު 15 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވަނީ ވިދާޅުވެފައި އެވެ.
ކެރަލާގެ ޗީފް މިނިސްޓަރާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ވާގޮތުން ހާދިސާގައި އަނިޔާވި މީހުނަށް މިހާރު ދަނީ ފަރުވާދެމުން ނެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހުކުރު ދުވަހު އިރުއޮއްސުނު ހާއިރު އެ ހާދިސާ ހިނގާފައި ވަނީ 191 މީހުން ގޮވައިގެން ދަތުރުކުރަމުންދަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ރަންވޭގައި ޖައްސަން އުޅުނު ވަގުތަކީ ވަރަށް ބޯކޮށްވާރޭވެހުނު ވަގުތެކެވެ. އެގޮތުން ބޯޓު ފުރަތަމަ ޖައްސަން އުޅުނު ވަގުތު ބޯކޮށް ވާރޭ ވެހެމުން ދިޔުމުން ބޯޓު ޖެއްސޭ ގޮތް ނުވިކަމަށާއި ދެވަނަ ފަހަރު ޖައްސަން މަސައްކަތް ކުރުމުން ރަންވޭ މަތިން ކަހާލައިގެން ގޮސް ފްލައިޓް ވެއްޓި ދެފަޅިވީ ކަމަށެވެ.
އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އެ ފްލައިޓަކީ ކޮވިޑާއި ގުޅިގެން އެކި ގައުމުތަކުގައި އުޅެމުންދާ އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތާވަލުކުރި ފްލައިޓެކެވެ.