ފޮރިން މިނިސްޓްރީން ބުނީ އެ ފުރުސަތުތައް އިތުރުކޮށްދިނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވެވި ރަސްމީދަތުރުގައި އެޤަގައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެން ކަމަށެވެ.
މޮރޮކޯ ސަރުކާރުން މީގެކުރިން ދިވެހި ސަރުކާރަށް ދެމުން އައިސްފައިވަނީ އަހަރު 5 ސްކޮލާޝިޕެވެ. އެހެން ނަމަވެސް މޮރޮކޯ ސަރުކާރުގެ މި ނިންމުމުގެ ސަބަބަން މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާއިރާތަކުން ހާސިލްކުރުމަށް 20 ސްކޮލާޝިޕް ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު އުސޫލުގެ މަތިން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުން ހުޅުވާލެވިގެން ކުރިއަށްގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މޮރޮކޯއަކީ ދިވެހިރާއްޖެއާއެކު ޒަމާންވީ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އެގޮތުން، މިނިސްޓަރު ޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރަކީ، ދިވެހި ތާރީހުގައިވެސް ދިވެހި ހާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުކަމުން، އެ ދަތުރުވެގެން ގޮސްފައިވަނީ މޮރޮކޯ އާއި ދިވެހިރާއްޖެއާ ދެމެދު ވާ ގާތްގުޅުމަށް އިތުރުވި ބޮޅަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ ދަތުރުގައި ދެގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭގޮތުންނާއި، ތަރައްގީގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމާބެހޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. އަދި މޮރޮކޯ ސަރުކާރާ ދިވެހި ސަރުކާރާދެމެދު ހަތަރު ބައިލެޓްރަލް އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ.