ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނުގައި ދައުލަތުގެ ނަމުގައި ލޯނު ނެގުމާއި، ގެރެންޓީ ދިނުމުގެ މައި އުސޫލުތައް ބަޔާންކޮށްފައިވެއެވެ. ދައުލަތުން ލޯނު ނަގަމުންދަނީ އަދި ގެރެންޓީ ދެމުންދަނީ މިގާނޫނުގައިވާ ގޮތުގެ މަތިންތޯ، އަދި މާލިއްޔަތު ގަވައިދާއި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި އެއްގޮތަށްތޯ ކަށަވަރުކުރުމަކީ މާލީ ވަޒީރުގެ ޒިންމާއެކެވެ. މީގެ އިތުރުން ދައުލަތުން ނަގާފައިވާ ލޯނުތަކާއި، ދެވިފައިވާ ގެރެންޓީގެ މައުލޫމާތާއި ހިސާބުތައް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބެލެހެއްޓުމަކީ މާލީ ވަޒީރުގެ ޒިންމާއެކެވެ.
މާލިއްޔަތު ގާނޫނުގެ ހަތް ވަނަ މާއްދާގައިވާ ގޮތުން ދައުލަތުގެ މުދަލެއް ވިއްކާލެވޭނީ، ކުއްޔަށް ދެވޭނީ، ރަހުނު ކުރެވޭނީ، ނުވަތަ ނައްތާލެވޭނީ، ގާނޫނުގެ ދަށުން ހެދޭ ގަވައިދާ އެއްގޮތަށް، މާލީ ވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ލަފަ އާ ގުޅިގެން ކަނޑައެޅޭ ގޮތެއްގެ މަތިންނެވެ.
ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް، ނުވަތަ ގެއްލޭ ގެއްލުމެއް، ނުވަތަ އުނިވާ އުނިވުމެއް، ނުވަތަ އަބުރާ ނުލިބޭނެ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ މުދަލާއިމެދު އަމަލުކުރަންޖެހޭ އުސޫލްގައިވެސް އެންމެ އިސް ދައުރެއް އަދާކުރަންޖެހެނީ މާލީ ވަޒީރެވެ.
ދިވެހި ދައުލަތުގެ ކަންކަން ރޭވިފައިވާ ގޮތުން މާލީ ވުޒާރާ ނުވަތަ މިނިސްޓްރީ އޮފް ފިނޭންސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަރަށް ގިނަ އަދި މުހިއްމު ޒިންމާތައް ހިމެނެއެވެ. މިގޮތުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި، ދައުލަތުގެ އެންމެހާ މުދަލެއްގެ ބަލަދުވެރި ފަރާތަކީ މާލީ ވުޒާރާއެވެ.
ފާއިތުވެދިޔަ ތަނުގައި ކަންކަން ވެފައިވާ ގޮތަށް ބަލައިލާއިރު، މިގޮތަށް ޒިންމާ ނެގިފައިވަނީ ކިތައް މާލީ ވަޒީރުންނަށް ބާވައެވެ؟ މިހާތަނަށް ދައުލަތަށާއި ދިވެހި ރައްޔިތުންގެ ބައިތުލްމާލަށް ލިބިފައިވާ ގެއްލުންތަކާއި، ވެފައިވާ އިހުމާލުތަކުގެ ކުރީގެ މާލީ ވަޒީރުން ޒިންމާކުރެވިފައިވޭބާވައެވެ.
ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެންމެ ބޮޑެތި ކަންތައްތަކެއް މާލީ ގޮތުން ހިގާފައިވަނީ މަލްޓި ޕާޓީ ޑިމޮކްރަސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވުނު އިންތިޚާބަށް ފަހުގައެވެ. އޭގެ ކުރިން ހިނގާފައިވާ އެންމެ ބޮޑު އިހުމާލަކީ އެފްޕީއައިޑީގެ ކޮރަޕްޝަނެވެ. އޭރުގެ މާލީ ވަޒީރުންގެ ޒިންމާއެއް މިކަމުގައި ނުވޭބާވައެވެ. އޭގެ ފަހުން ވަނީ ރާއްޖޭގެ މައި އެއާޕޯޓް ޖީއެމްއާރް އަށް ކުއްޔަށް ދެވިފައެވެ. އަދި ބޮޑު އަދަދެއްގެ އެޑްވާންސް ފައިސާ އެ ކުންފުނިން ދައުލަތަށް ވަނީ ދައްކާފައެވެ. މިފައިސާ ހަރަދުކުރެވިފައިވަނީ ކިހިނެއްކަމާއި، އަދި މިފަދަ ބޮޑު ނިންމުމެއް ނިންމުމުގައި މާލީ ވަޒީރުގެ ބޮޑެތި ޒިންމާތަކެއްވެއެވެ.
މީގެ އިތުރުން، ދިރާގު ހިއްސާގެ ބޮޑުބައެއް، އަދި މެޖޯރިޓީ ކޮންޓްރޯލް ދައުލަތަށް ގެއްލޭގޮތަށް ވަނީ ވިއްކާލެވިފައެވެ. އަދި ފެން ކުންފުނީގެ ހިއްސާވެސް ވަނީ ބޭރު ކުންފުންޏަކަށް ވަކި ޝަރުތުތަކަކާ އެކު ވިއްކާލެވިފައެވެ.
ދެން އައީ ސީއެސް އާރް އުސޫލުން ގައުމުގެ ފަޅުރައްތަކެއް ދޫކުރެވުނު އޮއިވަރެކެވެ. މިކަމުގައިވެސް ދައުލަތުގެ ކުޑަ ހިއްސާ އާ އެކު ކުންފުނިތަކެއް ހެދިގެން ގިނަ އަދަދެއްގެ ރަށްތަކެއްވަނީ ރިސޯޓް ހެދުމަށް ދޫކުރެވިފައެވެ. އޭގެ ފަހުން ރައީސް ވަހީދުގެ ވެރިކަމުގައިވެސް މިކަންތައްވަނީ ކުރިއަށް ގެންދެވިފައެވެ.
އޭގެ ފަހުން ރައީސް ޔާމީންގެ ދައުރުގައި އިތުރު ގިނަ އަދަދެއްގެ ރަށާއި، ފަޅުތައް ވަނީ ގޮތްނޭނގޭ އެކި ގޮތްގޮތަށް މީހުންނަށް ދޫކުރެވިފައެވެ. މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު މާލީ ވަޒީރެއް ހުއްޓެވެ. ރަށްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާތައް ދައުލަތަށް ވަންނަމުން ނުދާއިރުވެސް މާލީ ވަޒީރެއް ހުއްޓެވެ. އަދި ރެވެނިއު އޮތޯރިޓީއެއްވެސް ހުއްޓެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކުރެވިގެން އެކަށީގެން ނުވާ ބޮޑު އަގުގައި ބޮޑެތި ހޮސްޕިޓަލް އިމާރާތެއް ހެދުނުއިރުގައިވެސް މާލީ ވަޒީރެއް ހުއްޓެވެ. ދައުލަތުގެ ނަމުގައި ބޮޑެތި އަދަދުން ލޯނު ނެގިގެން، އަސްލު އަގަށްވުރެ މާބޮޑެތި އަގުތަކުގައި ބޮޑު އެއާޕޯޓް ރަންވޭއަކާއި ޓާމިނަލް ޕްރޮޖެކްޓެއް އެކުލަވާލެވި، ލޯނު އެގްރީމަންޓުތަކުގައި ސޮއި ކުރެވުނު އިރުވެސް މާލީ ވަޒީރަކު ހުއްޓެވެ.
ދައުލަތުގެ ނަމުގައި އަމިއްލަ ބޮޑު ކުންފުންޏެއްގެ ވިޔަފާރި އިންވެސްމަންޓަކަށް ބޮޑު އަދަދުން ލޯނު ނެގިއިރު، ދައުލަތަށް ބުރަ ބޮޑުވާނެ ގޮތަށް ސޮވެރިން ގެރެންޓީ ދެވުނު އިރުގައިވެސް މާލީ ވަޒީރެއް ހުއްޓެވެ. އަދި އެންމެ ފަހުގެ ތާރީހެއްގައި ބޮޑެތި އަދަދުން އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުން ފައިސާ ދެމުން ދިޔައިރުގައިވެސް މާލީ ވަޒީރަކު އެބަހުއްޓެވެ.
މާލީ ވަޒީރުންނާއި ހަމައިން އަދި ޒިންމާ އާއި ކަންކަން ނިމުނީއަކީ ނޫނެވެ. ދައުލަތުގެ ވުޒާރާތަކާއި، ދައުލަތުގެ ބަޖެޓުގެ ތެރެއިން ބޮޑެތި ކޮރަޕްޝަނާއި، އިސްރާފާއި، އިހުމާލުތައް ހިނގާނަމަ އެކަންކަން ފާހަގަކޮށް އިސްލާހު ކުރުމަށް އެތައް ފުރުސަތަކާއި މަރުހަލާތަކެއް އެބަހުއްޓެވެ. އަދި ޒިންމާ ނަގަންޖެހޭ އެތައް ފަރާތްތަކެއް އެބަވެއެވެ.
ދައުލަތުގެ ކޮންމެ އަހަރުގެ ބަޖެޓަކީ ވަރަށް ބޮޑެތި ހަރަދުތައް އެކުލެވޭ، އަދި ވަރަށް ގިނަ ވުޒާރާތަކުން ތަންފީޒުކުރަމުންދާ އެއްޗެކެވެ. އަދި މިސަބަބަށްޓަކައި، މާލިއްޔަތު ގާނޫނުގެ ދަށުން ކޮންމެ ވުޒާރާއެއްގައި ޒިންމާދާރު ފައިނޭންސް އެގްޒެކެޓިވްއެއް ހުރެއެވެ. އަދި މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ކޮންމެ މާލީ އަހަރެއް ނިމި ތިން މަސްދުވަހުގެ ތެރޭގައި ކޮންމެ އޮފީހަކުން ކުރީ އަހަރުގެ ބަޖެޓުގެ ހަރަދުތަކާއި އާމްދަނީގެ ރިޕޯޓް އޮޑިޓަ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
މިދެންނެވި ފަދައިން އޮޑިޓަ ޖެނެރަލްއަށް އެއްވެސް އޮފީހަކުން ހިސާބުތައް ލިބުން ލަސްވެ ނުވަތަ ނުލިބިއްޖެނަމަ، އެކަން 14 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އޮޑިޓަ ޖެނެރަލް އަންގަންޖެހޭނެކަންވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެންމެ ބޮޑު ސުވާލަކީ، މިދެންނެވި އެންމެހާ މުހިއްމު މަގާމުތަކަށް ކޮންމެ ފަރާތަކުންވެސް ހަވާލުވާއިރު، އަދި ހަވާލުވެ މަސައްކަތް ކުރަމުންދާއިރު، އެމަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާ ބޮޑުކަން އެފަރާތްތަކަށް އިހްސާސްވޭބާވެއެވެ؟ ރައީސުލްޖުމްހޫރިއްޔާކަމާއި، މާލީ ވަޒީރުކަމާއި، އޮޑިޓަ ޖެނެރަލްކަމާއި، މާލީ ޒިންމާދާރު ވެރިޔާކަމާއި، އަދި މިނިސްޓަރުކަމަކީވެސް ވަރަށް ޒިންމާ ބޮޑު އެތައް ބައެއްގެ ހައްގުތައް ރައްކާތެރިކުރުމަށް ބޮލާއި ކޮނޑުގައި އަޅަންޖެހޭ މަގާމްތަކެވެ. މިހުރިހާ ފަރާތްތަކުން އެފަރާތެއްގެ ޒިންމާ ރަނގަޅަށް އަދާކުރާނަމަ ރައްޔިތުންގެ އެތައް ފައިސާއެއް ރައްކާކުރެވި ސަލާމަތް ކުރެވޭނެއެވެ.
އެޑިޓަރުގެ ނޯޓް:
ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.