ads
ކުޅުދުއްފުށީގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ/ ފޮޓޯ:އެމްއެންޑީއެފް
ބޯކޮށް ވާރޭވެހި މުޅި ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ
ހުއްޓާނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ކުޅުދުއްފުށި ސިޓީ ގައި ފެންބޮޑުވެެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބް ރައީސް، އަލީ ހާޝިމް ސީއެންއެމް އަށް ވިދާޅުވީ، ރޭގައި ކުޅުދުއްފުއްޓަށް ވެހެން ފެށި ވާރޭ އަދިވެސް ހުއްޓާނުލާ ކަމަށެވެ. 

އެގޮތުން މިހާރު މުޅި ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ވާރޭ ވެހެމުންދާތީ ހާލަތު އިތުރަށް ގޯސްވުން ވެސް އެކަށީގެންވާކަމަށް ހާޝިމް ވިދާޅުވި އެވެ. 

ހާޝިމް އިތުރަށް ވިދާޅުވީ، ވާރޭ ވެހުމުގެ ސަބަބުން ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްތޯ އަދި ނޭނގޭ ކަމަށާއި އެހެން ނަމަވެސް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަންނަމުން ދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކަން ރިޕޯޓް ކުރާނެ ހޮޓްލައިނެއްވެސް ކައުންސިލުން މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ.

އެމްއެންޑީއެފް އިން މައުލޫމާުތުދޭ ގޮތުގައި ކުޅުދުއްފުށީގައި ފެންބޮޑުވެގެން އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 09:40 ހާއިރު އެވެ. އަދި މިހާތަނަށް އެރަށުގެ ފަސް ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. 

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުްނ ކުޅުދުއްފުށީގައި ފެންބޮޑު ވެފައި ވާއިރު، މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. މެޓް އޮފީހުން ބުނީ، އެ ހަތް އަތޮޅަށް ހެނދުނު 07:35 އިން ހެނދުނު 11:45 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. 

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް