ރައީސް އޮފީހުން ބުނީ މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅޭނެ އެންމެ ފަހުގެ ތާރިހަކީ މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް ކަމަށެވެ.
ރަައީސް އޮފީހުން އިތުރަށް ބުނީ ގައުމީ އިނާމަށް ނަން ހުށަހަޅާ ފޮނުވަންޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސް އޮފީހަށްކަމަށެވެ. އަދި އެކަމަށް އެދި ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރާނެ ކަމަށާއި އަދި އެއޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިންވެސް ޑައުންލޯޑް ކުރެއްވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއާތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.
ގައުމީ އިނާމު މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 33 ދާއިރާއަކުންނެވެ.