ޖޭއެސްސީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކުރިން އެއް ގާޒީ ހޯދަން ކޮށްފައިވާ އިއުލާނާއި ހަވާލާދީ އެ އިއުލާނުގައިވާ މަގާމަށް ބޭނުންވާ އަދަދު ދެއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީ އިން ބުނީ މިގޮތަށް އެ ކޮމިޝަނުން ނިންމީ ކްރިމިނަލް ކޯޓުގައި ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައި އޮތުމުން ކަމަށެވެ.
އެގޮތުން އެ މަގާމަށް ޝަރުތުހަމަވާ ފަރާތްތަކުން އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަގާމަށް އެދި ހުށައަޅާ ފޯމާއި ހުރިހާ ލިޔެކިއުންތައް ޖޭއެސްސީ ގެ ރަސްމީ މެއިލް އަށް ފޮނުވުމަށް އެ ކޮމިޝަނުން ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރުވެފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.
އޭގެ އިތުރުން ފަޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުމުގެ އިތުރުން ބުއްދިހަމައަށް ހުރި މީހަކަށް ވާންޖެހެ އެވެ.
ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ފަނޑިޔާރު ކަމަށް ޝަރުތުހަމައެއް ނުވާނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް ފަޑިޔާރުކަމަށް ޝަރުތުހަމަ އެއް ނުވާނެ އެވެ.
ޖޭއޭސްސީގެ އިއުލާނުގައި ވާގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާ މީހާ އަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ. އެމީހާ އަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ކޮމިޝަންގެ އިއުލާނުގައިވެ އެވެ. ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ވެސް މި މަގާމަށް ޝަރުތުހަމައެއް ނުވެ އެވެ.
އޭގެ އިތުރުން ގާޒީ ކަމަށް ކުރިމަތިލާ މީހާ އަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވާން ޖެހޭނެ އެވެ.
ގާޒީ ކޯޓުގެ ފަނޑިޔާރަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބޭ އިރު، ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބެ އެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބެ އެވެ.