މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ، ހަވީރު 17:20 އިން ރޭގަނޑު 21:00 އާއި ދެމެދު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެ އެވެ.
ރާއްޖޭގެ މޫސުން ގޯސްވެ، ބ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާއިރު މިއަދުގެ އެކި ގަޑިތަކުގައި މެޓްއިން ވަނީ ރާއްޖޭގެ އެކި ހިސާބްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމީ އެލާޓްތައް ނެރެފައެެވެ.
އޭގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓުން ބުނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓުން ބުނެ އެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ވަނީ ބުނެފަ އެވެ.
ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް މެޓުން ބުނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާޅުގެ އުސް މިން ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިންވެސް ވަނީ ކަނޑުދަތުރުފަތުރު ކުރާފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެދިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެއާއި މިޔަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަށް ހިނގާފައިވެއެވެ. އަދި އެމްއެންޑީއެފް އިން ދަނީ އެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.