ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު އިތުރު 825 ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދީފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 13.5 މިލިއަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދީފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއި މާޗް މަހުން ފެށިގެން ޖޫން މަހަށް ދިން އެލަވަންސް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވަނީ އިތުރު މަސައްކަތްތެރިންނަށް އެލަވަންސް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީ އަކަށް ބަހާލައިގެން ހާއްސަ އެލަވަންސް އެއް ދިނުމަށް ނިންމާފައި ވަނީ މިދިޔަ މޭ މަހު އެވެ. އެއީ ހައި ރިސްކު ކެޓަގަރީ، މީޑިއަމް ރިސްކު ކެޓަގަރީ، އަދި ލޯ ރިސްކު ކެޓަގަރީ އެވެ.
އެގޮތުން ހައި ރިސްކް ކެޓަގަރީ ގައި ހިމެނޭ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ނިންމި އިރު މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާ އެވެ. އަދި ލޯ ރިސްކް ކެޓަގަރީ ގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.
ހައި ރިސްކު ކެޓަގަރީ ގައި ހިމެނެނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އެގޮތުން މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުން ހިމެނެ އެވެ.
މީޑިއަމް ރިސްކު ކެޓަގަރީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުން ހިމެނޭ އިރު، ލޯ ރިސްކު ކެޓަގަރީގައި ހިމެނެނީ ހައި ރިސްކު އަދި މީޑިއަމް ރިސްކު ކެޓަގަރީ ގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19 ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.