ހައިކޯޓުގެ ސީނިޔަ ކޯޓް އެޑްމިނިސްޓްރޭޓަރު މުނާ މުހައްމަދުގެ މަސައްކަތުގެ ފެންވަރު ދަށްވެގެން އޭނާއަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނޯޓިސްދީ، އެކަން މިހާރުވަނީ ހައިކޯޓަށްވެސް އަންގާފައެވެ. ހުސްވި ހަފުތާ ތެރޭ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަން އަންގައި ފޮނުވި ސިޓީގައި ބުނެފައިވަނީ މުނާ މުހައްމަދުގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރި އިރު، ހަތް ދިހަ އިންސައްތަ ލިބިފައި ނުވާ ކަމަށެވެ.
މުނާ މުހައްމަދު މަގާމުން ވަކިކުރަން ނިންމައި އޭނާއަށް ނޯޓިސް ދީފައިވާއިރު، ހައިކޯޓުގެ އިދާރީ ހިންގުމާއި ގުޅޭ ސީރިޔަސް މައްސަލައެއް ރައްޔިތުންގެ މަޖިލީހުންވެސް އަންނަނީ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނަނީ ހައިކޯޓުގެ މުވައްޒަފުންތަކެއް ނުރުހުމުގައި ކްރިމިނަލް ކޯޓަށް ބަދަލު ކުރަން އުޅުނު މައްސަލައެކެވެ.
މަސައްކަތުގެ ފެންވަރު ދަށްވެގެން ހައިކޯޓުގެ އިދާރީ އެންމެ އިސްވެރިޔާ މުނާ މުހައްމަދު މަގާމުން ވަކިކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމާފައިވާއިރު، އެ ކޯޓުގެ އިސް ފަނޑިޔާރު ހުންނެވީ ސީރިޔަސް ސުލޫކީ މައްސަލަތަކާއި ގުޅިގެން ސަސްޕެންޑްކޮށްފައެވެ.