ޓްރާސްޕެރެންސީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިދިޔަ މަހު އޮޑިޓާ ޖެނަރަލް އޮފީހުން މާލީ ބަޔާން ހުށަހަޅަންޖެހޭ މީހުންގެ ލިސްޓެއް އާންމުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އޭގެ ތެރެއިން ގިނަ އަދަދެއްގެ މިނިސްޓަރުން މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ ކަމަށެވެ.
ޓްރާންސްޕެރެންސީ އިން ވަނީ އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ލިސްޓުގައިވާ ބައެއް ނަންތައް ވެސް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.
އަދި މާލީ ބަޔާން ހުށަނާޅާ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ވެސް ހިމެނޭއިރު އެލިސްޓުގައި ހިމެނެނީ ޑރ. އަލީ ޝަމީމާއި އުސްތާޒް އަބްދުލް ރައުފް އިބްރާހިމާއި އުސްތާޒް އަބްދުﷲ އަރީފް އަދި އުސްތާޒާ ލަތީފާ ގާސިމާއި އުސްތާޒް މުހައްމަދު އީސާފުޅުގެ އިތުރުން އުސްތާޒް އަބްދުލް ހަންނާނު އަހްމަދާއި ފާރިޝް މައުމޫނެވެ.
އޭގެ އިތުރުން، ޕްރެސިޑެންޝަލް ކޮމިޝަނުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުސްތާޒާ ނަދީމް އިބްރާހިމާއި ފާތިމަތު ސަރީރާ އަލީ ޝަރީފް އަދި އުސްތާޒް ހުސްނު ސުއޫދުގެ އިތުރުން އަބްދުﷲ މުނާޒާއި އާދަމް އިބްރާހިމެވެ.
ޓްރާސްޕޭރަންސީ ބުނީ މާލީ ބަޔާނަކީ ސަރުކާރުގެ ފަރާތުން ހުށަހެޅުން ލާޒިމްކުރާ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އޭގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންގެ އިހްލާސްތެރިކަމާއި އަމާނާތްތެރިކަން އަދި ތެދުވެރިކަން ފެންނިގެން ދާނެކަމަށެވެ.
ޓްރާސްޕެެރަންސީ އިން ބުނީ މިއީ ވައްކަމާއި ކޮރަޕްޝަނާއި ދައުލަތުގެ އެތެރޭގައި ހިނގާ ހިޔާނާތްތައް ދެނެގަނެވޭނެ ނިޒާމެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ހިއްސާ އޮންނަ ކޮންމެ ތަނަކުން ވެސް މާލީ ބަޔާން ކޮންމެ މަހަކުވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޓްރާންސްޕެރަންސީ އިންވަނީ މާލީ ބަޔާން ހުށަނާޅާ ތިއްބަވާ މިނިސްޓަރުންނަށާއި ކޮމެޓީތަކުގެ މެންބަރުންގެ އިތުރުން ޕްރެސިޑެންޝަލް ކޮމިޝްނުގައި ހިމޭނޭ ބޭފުޅުންނާއި މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ.