ads
ރިޔާސީ ކެމްޕެއިންގައި ރައީސް ޔާމީނުގެ އަރިހުގައި ޝުޖާޢު އުސްމާނު
ޝުޖާއު ޖަވާބުދާރީވުމަށް ދިން މުއްދަތު މިއަދަށް ހަމަވާނެ
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާ ދެކޮޅަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު މިއަދަށް ހަމަވާނެއެވެ.

ޖޭއެސްސީން ބެލި ޝުޖާއުއާ ގުޅޭ މައްސަލަތަކަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށް ޖަވާބުދާރީވުމަށްވަނީ ހަތް ދުވަހުގެ ފުރުސަތެއް ދީފައެވެ. ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ޝުޖާއަށް ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާނީ މިއަދަށެވެ.

ޝުޖާއު ޖަވާބުދާރީވާން ޖެހެނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޔާމީނަށް ވޯޓު ހޯދައިދޭން އުޅުނު މައްސަލައަކާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ ފަރާތުން ރައީސް ޔާމީނަށް ވޯޓު ދީފިނަމަ އޭނާ މިނިވަން ކުރާނެ ކަމަށް ޝުޖާއު ވިދާޅުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. މި މައްސަލަތަކާ ގުޅިގެން 60 ދުވަހުގެ މުއްދަތަށް ޝުޖާއު ސަސްޕެންޑްކޮށްފައިވަނީ ހުސްވި ޖުލައި މަހުގެ ތެރޭގައެވެ.

ޝުޖާއު އުސްމާނާ ގުޅޭ މައްސަލަތަކަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައިވާއިރު، ހަމަ އެ މައްސަލަތަކުގައި ހިމެނިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހަސަން ނަޖީބުވެސް ސަސްޕެންޑްކުރިއެވެ. ހަސަން ނަޖީބުގެ މައްޗަށް އެ މައްސަލަތައް ސާބިތުވެ، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އޭނާވަނީ މަގާމުން އިސްތިއުފާ ދީފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޝުޖާއު އުސްމާނުގެ މައްޗަށްވެސް އެ މައްސަލަތައް ސާބިތުވާނެ އެވެ. އަދި ބެލެވޭ ގޮތުގައި ޝުޖާއު އުސްމާނު މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެއެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޝުޖާއުވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ފާޅުގައި ރައީސް ޔާމީނަށް ކެމްޕެއިންކޮށްފައެވެ. މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވުނު މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް، މައްސަލައިގެ ބެންޗު ބަދަލުކޮށް އަމިއްލައަށް ބެންޗުގައި ހިމެނި، އެކައުންޓްތައް ދޫކޮށްލި ފަނޑިޔާރުންގެ ތެރޭގައިވެސް ޝުޖާއު ހިމެނެއެވެ.

ޝުޖާއު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޝުޖާއަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ދިނީ، ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނުނު ޢަބްދުﷲ ދީދީއަށް ސުޕްރީމް ކޯޓަށް އައްޔަން ކުރުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް