ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް--
ގުޅީފަޅުން ގޯތި ދިނުމާއި ގުޅޭ ސުވާލަށް މިނިސްޓަރު އަސްލަމް ދެއްވި ޖަވާބަށް ނަޝީދުގެ ނުރުހުން!
ގުޅީފަޅުން މިހާރު ހިއްކަމުން އަންނަ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާނެތޯ ކުރެވުނު ސުވާލަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

މިހާރު ބާއްވަމުން އަންނަ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު އަސްލަމް ހާޒިރު ކުރައްވާފައި ވަނީ ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުންދާ ކަންކަން އޮޅުން ފިލުވުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ސުވާލަކާއި ގުޅިގެންނެވެ. 

މިނިސްޓަރަށް އިތުރަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވަނީ ގުޅީފަޅުން ހިއްކަމުންދާ ސަރަހައްދުގެ ޕްލޭން އާއި އެތަނުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާނެތޯ ސުވާލުކުރައްވާފަ އެވެ. 

އެ ސުވާލާއި ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅީފަޅު ތަރައްގީކުރުމުގެ ޕްލޭން އެކުލަވާލާފައިވާ ކަމަށާއި އެގޮތުން އެކަމާއި ގުޅިގެން މީގެ ދެތިން ހަފުތާއެއް ކުރިން ވަނީ މާލޭ ސިޓީ ކައުންސިލާއި މާލޭ ތަމްސީލުކުރާ މަޖިލިސް މެމްބަރުންނާއެކު ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށްފައިވާ ކަމަށެވެ. 

އެކަމަކު އެ ހިސާބުން މިނިސްޓަރުގެ ވާހަކަ މެދުކަނޑާލެއްވުމަށް ފަހު ރައީސް ވަނީ އެކަމުގައި ސާފު ޖަވާބެއް ބޭނުންވާ ކަމަށާއި އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވެފަ އެވެ. 

"ގުޅީފަޅުގެ ޕްލޭން ހެދުނުއިރުގައި އެތަނުގައި ގޯތި ދޭގޮތަށް ކަނޑައެޅިފައި އޮތްތޯ ނެތްތޯ، އެ ޕްލޭން ހެދިގެން އަންނައިރުގައި ކިހާ ގޯއްޗެއްތޯ އެތަނުން ދެއްވަން ނިންމަވާފައިވަނީ. އަޅުގަނޑު ހިތުން އެއީ ވަރަށް ސާފުކޮށް މިހާރު ރާއްޖޭގެ ރައްޔިތުންނަށް އެނގެންޖެހޭ ޖަވާބެއް،" ނަޝީދު ވިދާޅުވި އެވެ.

އެއާއެކު އަލުން މިނިސްޓަރަށް ޖަވާބު ދެއްވުމަށް ފުރުސަތު ދެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ ޕްލޭނެއް އެބަ އޮތް ކަމަށެވެ. އެހިސާބު އަނެއްކާ ވެސް މަޖިލީހުގެ ރައީސް ވަނީ މިނިސްޓަރުގެ ވާހަކައިގެ ތެރެއިން ވާހަކަ ދައްކަވާ ޕްލޭން އޮތީ ކޮންތާކުތޯ ސުވާލު ކުރައްވާފަ އެވެ. އަދި ޕްލޭނެއް އޮތުމަކީ ޕްލޭން ގެޒެޓްކޮށް އާންމު ރައްޔިތުންނަށް އެ ޕްލޭނެއް ފެންނަން އޮތުން ކަމަށް ވެސް ވިދާޅުވި އެވެ. ނޫންނަމަ، އެ އޮންނަނީ ޑްރާފްޓެއް ކަމަށް ވެސް ވިދާޅުވި އެވެ. 

އަނެއްކާ ވެސް އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގުޅީފަޅުން 1200 ޕްލޮޓް ދޭން ހަމަޖެހިފައިވާ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް މި ދެކެވެނީ މިކަމުގައި ރަސްމީކޮށް ވާން އޮތް ގޮތުގެ ވާހަކަ. ޕަބްލިކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ފްލޯގެ ތެރޭގައި ތިއްބަވާ މެމްބަރުންނަށް މިކަން ސާފުވާނެ ގޮތަށް. ޕްލޭން އެބަ އޮތް. ޑްރާފްޓެއް އެއީ. އެހެންނަމަވެސް އެއީ ޑްރާފްޓެކޭ މި ދަންނަވަނީ އޭގެން ގޯތީގެ އަދަދު މަދުވާނެ ވާހަކަ ދަންނަވާކަށެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަނުގައި އިތުރު އެހެން މަސައްކަތް ވެސް ކުރަން ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އެކަން ކުރަން އޮތް ބިން ކުޑަކޮށް ނުވަތަ ބޮޑުކުރުމުގެ ކަންކަން އަބަދުވެސް ޕްލޭނުގައި ހިމެނޭނެ ކަމަށެވެ. އެކަމަކު އެޕްލޭނުގައި 1200 ޕޮލެޓް ކަނޑައަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

މިނިސްޓަރު އެވާހަކަ ދައްކަވާ ނިންމާލެއްވުމުން ވެސް ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން ޕްލޭން އޮތް ވާހަކަ މަޖިލީހުގައި ދެފަހަރު ވިދާޅުވެފައިވާ ކަމަށާއި އެކަކު ޕްލޭންް މެމްބަރުންނަށް ފެންނަން އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. 

މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެދުނީ 6000 ހައުސިން ޔުނިޓަށް ގުޅީފަޅުން ބިން ކަނޑައަޅަން:

ގުޅިފަޅުގައި ގާއިމުކުރާ، ޕޯޓްގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބޮސްކާލިސް ކުންފުނިން މިހާރު ކުރަމުން އަންނައިރު  އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންކޮށް ނެރުނު ރިޕޯޓުގައި ބުނީ އެ މަޝްރޫއަކީ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ބޮޑު ބަދަލެއް އަންނާނެ މަޝްރޫއުއެއްކަމުން އެކަމުގެ ސަބަބުން އެންވަޔަރަމަންޓަލް ކޯސްޓް ވެސް ބޮޑުވާނެ ބެލެވޭ ކަމަށެވެ. އަދި އެކަން ޖަސްޓިފައި ކުރުމަށްޓަކައި އިޖުތިމާއީ އަދި އިގްތީސޯދީ ފައިދާ އިތުރުކުރުން މުހިއްމު ކަމަށް ރިޕޯޓުގައި ފާހަގަކުރެ އެވެ.

އެގޮތުން މާލޭ ސަރަހައްދަކީ ތޮއްޖެހިފައިވާ ރަށަކަށްވެފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ތަނެއްގެ ގޮތުގައި ގުޅީފަޅު އޮތުމުން، އެތަނުގައި ސޯޝަލް ހައުސިންއަށް 6000 ހައުސިން ޔުނިޓަށް ބޭނުންވާނެ ބިން ކަނޑައަޅައިދިނުމަށް ހިމަނާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް