ހުއިސެން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލީ ބަޔާން ހުށަނޭޅި ވަނީ މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން ކަމަށާއި އަދި މާލީ ބަޔާން ހުށަހެޅިފައި ނުވާ ވާހަކައާއި، އެމައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އެ މައުލޫމާތު ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެ ވާހަކަ އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. ޝަމީމް އިތުރަށް ވިދާޅުވީ މާލީ ބަޔާން އާންމު ކުރާނެކަމަށެވެ.
ޝަމީމް މިގޮތަށް ޓުވީޓް ކުރައްވާފައިވާއިރު މާލީ ބަޔާން އާންމު ނުކުރާ ފަރާތްތަކުގެ ތެރޭގައި ބައެއް މިނިސްޓަރުންނަކާއި، ރިޔާސީ ކޮމިޝަނުގައި ތިއްބަވާ ބޭފުޅުންނާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ވެސް ހިމެނެ އެވެ.
މާލީ ބަޔާން ހުށަނާޅާ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ ލިސްޓުގައި ޑރ. އަލީ ޝަމީމާއި އުސްތާޒް އަބްދުލް ރައުފް އިބްރާހިމާއި އުސްތާޒް އަބްދުﷲ އަރީފް އަދި އުސްތާޒާ ލަތީފާ ގާސިމާއި އުސްތާޒް މުހައްމަދު އީސާފުޅުގެ އިތުރުން އުސްތާޒް އަބްދުލް ހަންނާނު އަހްމަދާއި ފާރިޝް މައުމޫން ހިމެނެއެވެ.
އޭގެ އިތުރުން، ރިޔާސީ ކޮމިޝަނުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުސްތާޒާ ނަދީމް އިބްރާހިމާއި ފާތިމަތު ސަރީރާ އަލީ ޝަރީފް އަދި އުސްތާޒް ހުސްނު ސުއޫދުގެ އިތުރުން އަބްދުﷲ މުނާޒާއި އާދަމް އިބްރާހިމެވެ.
އަދި ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް އެ ލިސްޓުގައި ހިމެނޭއިރު، އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކާއި ނާޅާއި ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން އާންމުކޮށްފައި ވާއިރު، ކެބިނެޓު މިނިސްޓަރުން މަގާމާ ހަވާލުވެވަޑައިގަންނަވާއިރު އަދި ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުން ލާޒިމުކުރެ އެވެ.