ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ސަފާރީތަކުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމު ހުޅުމާލޭގައި ހަމަޖެހިފައި ވާކަމާށެވެ.
އެ އެސޯސިއޭޝަނުން މި އިންތިޒާމުތައް ހަމަޖައްސާފައި މިވަނީ ރާއްޖެ އިން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރު ޓެސްޓުހެދުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކުރި ސާކިއުލާއާއި ގުޅިގެން ނެެވެ.
އެގޮތުން އެ އެސޯސިއެޝަނުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ގުޅިގެން ހުޅުމާލޭގައި ފަތުރުވެރިން ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި އެވެ.
އެންބީއޭ އިން ބުނީ ސާމްޕަލް ނެގުން އިންތިޒާމު ކުރުމަށް އެ އެސޯސިއޭޝަނަށް މެއިލް އިން ނުވަތަ ފޯނުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ފަތުރުވެރިން ފުރަން ދާއިރު، ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު އޮއްވާ ސާމްޕަލް ނަގަން ދިއުމަށް އެންބީއޭ އިން އިލްތިމާސްކުރެ އެވެ.
އެންބީއޭ އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއި އެކު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކާއި އެކު އެ އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ 20 އަށް ވުރެ ގިނަ ސާފާރީ އަށް މިހާރު ދީފަ އެވެ.