ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު ވަކިކުރަން ނިންމައިފި
Share
ސަސްޕެންޑްކޮށްފައި ހުރި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
Advertisement

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ މިއަދު އޮތް އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި ކަމަށް ވެ އެވެ. ޝުޖާއު މަގާމުން ވަކިކުރަން މި ނިންމީ އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ތަހުގީގަކަށް ފަހު އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާ ދެކޮޅަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު ހަމަވީ އިއްޔެއެވެ. ޝުޖާއު ޖަވާބުދާރީވާން ފުރުސަތު ދީފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޔާމީނަށް ވޯޓު ހޯދައިދޭން އުޅުނު މައްސަލައަކާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ ފަރާތުން ރައީސް ޔާމީނަށް ވޯޓު ދީފިނަމަ އޭނާ މިނިވަން ކުރާނެ ކަމަށް ޝުޖާއު ވިދާޅުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. މި މައްސަލަތަކާ ގުޅިގެން 60 ދުވަހުގެ މުއްދަތަށް ޝުޖާއު ސަސްޕެންޑްކޮށްފައިވަނީ ހުސްވި ޖުލައި މަހުގެ ތެރޭގައެވެ.

ޝުޖާއު އުސްމާނާ ގުޅޭ މައްސަލަތަކަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށް އަދި އެންމެ ފަހުން މަގާމުން ވަކިކުރަން ނިންމިއިރު، ހަމަ އެ މައްސަލަތަކުގައި ހިމެނިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހަސަން ނަޖީބުވެސް ސަސްޕެންޑްކުރިއެވެ. ހަސަން ނަޖީބުގެ މައްޗަށް އެ މައްސަލަތައް ސާބިތުވެ، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އޭނާވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ރައްޔިތުންގެ މަޖިލީހުން، މަގާމުން ވަކިކުރަން މި ފަހުން ނިންމި ގިނަ ފަނޑިޔާރުންވަނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފައެވެ. ޝުޖާއުގެ ގާތް މީހެއް ކަމަށްވާ، އަދި ޝުޖާޢުއާއި އެކު ރައީސް ޔާމީންގެ ކެމްޕެއިންގައި އުޅުނު ހަސަން ނަޖީބުވެސް މަގާމުން އިސްތިއުފާ ދިނީ އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ތައްޔާރުވެފައިވަނިކޮށެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޝުޖާއުވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ފާޅުގައި ރައީސް ޔާމީނަށް ކެމްޕެއިންކޮށްފައެވެ. މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވުނު މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް، މައްސަލައިގެ ބެންޗު ބަދަލުކޮށް އަމިއްލައަށް ބެންޗުގައި ހިމެނި، އެކައުންޓްތައް ދޫކޮށްލި ފަނޑިޔާރުންގެ ތެރޭގައިވެސް ޝުޖާއު ހިމެނެއެވެ.

ޝުޖާއު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޝުޖާއަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ދިނީ، ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނުނު ޢަބްދުﷲ ދީދީއަށް ސުޕްރީމް ކޯޓަށް އައްޔަން ކުރުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް