ads
މެމްބަރު ރޮޒައިނާ އަދި އަލީ ނިޔާޒު--
ފައްޔާޒަށް އިތުބާރުކުރަން: އެމްޑީޕީ ބައެއް މެމްބަރުން
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް ފުރިހަމަށް އިތުބާރުކުރައްވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާން ފަށައިފި އެވެ.

މިނިސްޓަރު ފައްޔާޒަށް އިތުބާރުކުރައްވާ ކަމަށް ބައެއް މެމްބަރުން ފާހަގަކުރައްވަން ފަށާފައި މިވަނީ އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ތިއްބަވާ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވިހި ސޮއި ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން  އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން އެންމެ އީވާގި އެއް ވަޒީރަކީ ފައްޔާޒު ކަމަށާއި ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ. 

އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި ނިކުންނަވާ ވިދާޅުވީ، އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. 

އޭގެ އިތުރުން ކިނބިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޝިޒް ވެސް ވަނީ ފައްޔާޒަށް އިތުބާކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ. އަދި އިހަވަންދޫ ދާއިރާގެ މެމްބަރު ވެސް ވަނީ މިނިސްޓަރު ފައްޔާޒު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމް ވެސް ވަނީ ނަތީޖާ ސައްތައިން ސައްތައަށް ދައްކަވަމުން ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ވަރުބަލިކަމެއް ނެތި ފައްޔާޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަނީ ކޮން ސަބަބަކާހުރެ ކަން ސާފެއް ނުވެ އެވެ. މިހާތަނަށް މި މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައެއް ނުވެ އެވެ. 

ވަޒީރެއްގެ އިތުރުބާރު ނެތް މައްސަލައެއް މަޖިލީހަށް ވެއްދުމަށް ބޭނުންވާނީ ދިހަ މެމްބަރުން ސޮޔެވެ. އެކަމަކު ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު 65 މެމްބަރުންނާއެކު އެމްޑީޕީއަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް