ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުން ބާއްވާފައިވަނީ ވާޗުއަލް ކޮށެވެ. އަދި މި ބައްދަލުވުމުގައި ނައިބް ރައީސް ވަނީ އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، އަދި ވަކިން ހާއްސަކޮށް ކަނޑުމަތީގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ފާހަގަކުރައްވާފަ އެވެ.
ނައިބް ރައީސް ވަނީ ތެލާއި ގޭސް ފަދަ ނުރައްކާތެރި ތަކެތި ގެންގުޅެންޖެހޭ ފަރާތްތަކުން އެތަކެތި ގެންގުޅެނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކޮށް ދިނުމަށާއި އެ ކަންކަން ގަވާއިދުން ބަލަމުން ގެންދިއުމަށް ވެސް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ހިންގަންޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި، ފަޔާ އެންޑް ރެސްކިއު ސާވިސަސް އާއި، މޯލްޑިވްސް ޕޮލިސް ސާވިސް އިން ބައިވެރިވެފައި ވެއެވެ.
އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާއި، ފެނަކަ ކޯޕަރޭޝަނާއި، އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން މޯލްޑިވްސް ގޭސްއާއި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަނާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމާއި އަހުމަދު ސަމީރު ވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ކަމާގުޅޭ އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ މި ކަންކަން ހައްލުކުރުމުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ ހިޔާލު ނައިބް ރައީސްއާ ހިއްސާ ކުރައްވާފައެވެ.
އެބޭފުޅުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މި ކަންކަން އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ.) މެދުވެރިކޮށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކާއި ބަނދަރުތަކުގައި މިހާރު އުޅަނދުފަރަހަށް ތެޔޮ އެޅުމުގައި ކަންކުރަމުން ގެންދާ ގޮތާއި، ތެލާއި ގޭސް ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެނެވެންހުރި ބަދަލުތަކާއި ބެހޭގޮތުންވެސް އެބޭފުޅުން ހިޔާލު ފާޅުކޮށްފައިވެއެވެ.