ads
އެއާ އިންޑިއާގެ ފްލައިޓެއް---
ދެކުނު އޭޝިއާ ސަރަހައްދުގެ ފުރަތަމަ އެއާ ބަބްލް ރާއްޖެއާ އިންޑިއާ އާއި ދެމެދު
ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިންކުރާ ފުރަތަމަ އެއާ ބަބްލް ރާއްޖެއާ އިންޑިއާ އާއި ދެމެދު ގާއިމްކުރުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި ރާއްޖެއާ އިންޑިއާ އާއި ދެމެދު އެއާ ބަބްލްއެއް ގާއިމްކުރުމަށް ނިންމާފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށެވެ. 

މިނިސްޓްރީ އިން ބުނީ މިއީ ކޮވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއާ ބަބްލް ކަމަށެވެ.

މި އެއާ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެ ކަމަށާއި ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ. 

މިނިސްޓްރީ އިން އިތުރަށް ބުނީ އެއާ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށެވެ. އެގޮތުން ބޮޑެތި ބަލިތަކަށް، ރާއްޖެއިން ލިބެން ނެތް ފަރުވާކުރަން މިހާރުވެސް ހާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދެވުނުނަމަވެސް، އެއާ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލާ އެނގި، ދަތުރުކުރާ ބަލި މީހުންނާ އެމީހުންގެ އާއިލާތަކަށް ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓްރީ އިން ފާހަގަކުރެ އެވެ. 

މީގެ އިތުރުން ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވުމާއި، އަދި ރާއްޖޭގެ ރިސޯޓްތަކަކީ ރާއްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް އަޅާފައިވާ ރިސޯޓްތަކަށްވުމުން، މި އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ. 

މިނިސްޓްރީ އިން ބުނީ ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިންނެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި އިންޑިއާގެ ގިނަ ބަޔަކު މަސައްކަތްކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުމުން ރާއްޖެއަށް ނާދެވި، ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން އިންޑިއާގައި އެބަތިބި ކަން ފާހަގަކޮށް މިނިސްޓްރީ އިން ބުނީ އެއާ ބަބްލް އުފެދުމުން، މި ފަރާތްތަކަށް ރާއްޖެއަށް އައިސް، ރާއްޖޭގެ ސިއްހީ ނިޒާމްގެ ތެރޭގައި އަލުން މަސައްކަތްކުރަން ފެށި، ސިއްހީ ނިޒާމަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށެވެ. 

ސިއްހީ ދާއިރާގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ގިނަ އެހެން ދާއިރާތަކެއްގައި މަސައްކަތްކުރާ އިންޑިއާގެ މަސައްކަތްތެރިން ވެސް ކޮވިޑް-19 ގެ ސަބަބުން އަނބުރާ ގައުމަށް ގޮސްފައިވާއިރު، ލޮކްޑައުންއަށްފަހު ރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން މަސައްކަތްކުރާ މި ދަނޑިވަޅުގައި މި މަސައްކަތްތެރިންނަށް ރާއްޖެއަށް އަނބުރާ އައިސް، އިގްތިސާދީ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

ރާއްޖޭގެ ބޯޑަރު ހުޅުވާލިނަމަވެސް، ޝެޑިއުލް ފްލައިޓްތައް ނެތުމުން ބޭރުގައި ތިބި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ރާއްޖެ ނާދެވި އެބަތިއްބެވެ. 

އެއާ ބަބްލްގެ ތެރެއިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަން އަދި އެއާ އިންޑިއާ އިން މާލެ އާއި އިންޑިއާގެ އެކި ސިޓީތަކާ ދެމެދު އުދުހެން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް