ads
ިމިނިސްޓަރު ފައްޔާޒު---ފޮޓޯ:އަވަސް
އިންޑިއާ އިން ރާއްޖެ ހިފަން ބޭނުންނަމަ އެތައް ގަރުނެއް ކުރިން ހިފާނެ: ފައްޔާޒު
އަވަށްޓެރި އިންޑިއާއަކީ ރާއްޖެއާއި އެންމެ ގާތް އެއް ގައުމު ކަމަށާއި އެގައުމުން ރާއްޖެ ހިފަން ބޭނުންނަމަ އެކަން މީގެ އެތައް ގަރުނެއް ކުރިން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު އެގޮތަށް ވިދާޅުވެފައި ވަނީ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިންޑިއާ އާއި ޗައިނާގެ ލޯނުތަކާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ސެކިއުރިޓީއަށް ގެއްލުންވާނެ ފަދަ އެއްވެސް އަމަލެއް ރާއްޖޭގައި ހިންގައިގެން ނުވާނެ ކަމަށާއި އެއީ ގައުމުގެ ރައްކާތެރިކަމާއި މުޅި ރީޖަން އާއި އެކުވެރި ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް ކުރަން ޖެހޭނެ ކަމަކަށްވާތީ ކަމަށެވެ.

"އިންޑިއާއާ ގުޅިގެން ފާޑުފާޑުގެ ވާހަކަ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ކޮންމެވެސް ފިތުނައެއް އުފެއްދުމަށްޓަކައި،"

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ޗައިނާއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެގައުމުގެ ލޯނުތަކަށް ވުރެ އިންޑިއާގެ ލޯނުތަކުގެ އިންޓަރެސްޓް ކުޑަ ކަމަށެވެ. 

އެގޮތުން އެލޯނުތައް ނަގަމުން އަންނަނީ ޗައިނާއިން ނެގި ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓެއްގައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޗައިނާ އިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ނަގާފައިވާ ލޯނުތަކަކީ އިންޓަރެސްޓް ބޮޑު ލޯނުތަކެއް ކަމަށެވެ.

"އެކަން ވަރަށް ބޮޑު އަގުގައި ކޮށްފައި އޮތީ. އެކަން އެބަ އެނގޭ ހިޔާ ފްލެޓުގެ 550 އަކަފޫޓުގެ ދޮރުފަތް ނުޖަހާއި ޓައިލްސް ނުޖަހާ ހުރި ފްލެޓެއް 60،200 ޑޮލަރަށްވީމަ އެއީ ވަރަށް ބޮޑު އަގެއް އެނގޭތޯ،"

އޭގެ އިތުރުން ފައްޔާޒު ވިދާޅުވީ އޭރު ބްރިޖުގެ މަޝްރޫއު ހިންގުމަށް ވުރެ އަތޮޅު ތެރޭގައި ހިންގަން ޖެހޭ މާ މުހިއްމު މަޝްރޫއުތައް ހުރި ކަމަށާއި މިއަދުގެ ސަރުކާރުން ލޯނުތައް ނަގައިގެން ކުރަމުންދަނީ އެ މަސައްކަތްތައް ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ، ޗައިނާގެ ލޯނާއި ގުޅިގެން ސުވާލު އުފެދޭނީ ދުނިޔޭގެ އެކި ގައުމުތަކުގައި ކަން ހިނގަމުންދާ ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން ލޯނު އަނބުރާ ނުދެއްދުމާއެކު ޗައިނާއަށް ވަކި ބައެއް މިލްކުކުރެވޭ މަންޒަރު ފެންނަމުން އަންނަ ކަމަށާއި އެކަމަކު މިއަދު ނަގަމުން އަންނަ ލޯނުތައް ނަގަމުންދަނީ އެގޮތަށް އެކަން ނުކުރެވޭނެ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ. 

މިނިސްޓަރު ވަނީ ޗައިނާއާއެކު ވެސް ގާތް ގުޅުމެއް އެބަ އޮތް ކަމަށާއި އެގައުމުގެ ވިޔަފާރިތަކަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް