ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

Advertisement
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އޭޖީ އޮފީހުގެ ފަރާތުން އެ ބިލް ފަރުމާ ކުރީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
އޭޖީ އޮފީހުން ބުނީ ސަރުކާރުން އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫން ތަންފީޒު ކުރުމުގައި ދިމާވަމުންދާ ދަތިތައް ހައްލު ކުރުމާއި، އެ ގާނޫނުގައި އިތުރަށް ބަޔާން ކުރަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުމާއި، އެ ގާނޫނުގައި އިތުރަށް ފުރިހަމަ ކުރަން ހުރި މުހިއްމު ކަންކަން ފާހަގަކޮށް އިސްލާހު ގެނައުމަށް ކަމަށެވެ.
ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހުތައް މިހާރު ފާސްކޮށްފައި ވާއިރު، އެ ދެ ގާނޫނު އިސްލާހު ކުރަން ޖެހެނީ ޓެރަރިޒަމުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާއި މެދު ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހުން ހައްޔަރުކޮށްފައި ބެހެއްޓޭނެ މުއްދަތާއި، ހައްޔަރު ކުރުމަށް ފަހު ވަކި ކަންކަން ކުރުމަށް މުއްދަތުތަކެއް ދީފައިވާއިރު، ޓެރަރިޒަމް ފަދަ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތްތަކާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް އެ ގާނޫނުން ކަނޑައަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.