މިލަދޫ ކައުންސިލްގެ ރައީސް އިލިޔާސް އަބްދުއްސަމަދު ސީއެންއެންމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މާލެއިން ރަށަށް ދިޔަ ބަޔަކު ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.
ހޯމް ކަރަންޓީނުގައި ދެ ގެއަކުން ދެމީހުން ޕޮޒިޓިވްވެފައިވާއިރު ސަމަދު ވިދާޅުވީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު މިމަހުގެ 12 ވަނަ ދުވަހު ދެގޭގައި ދިރިއުޅޭ މީހުންގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ. އެގޮތުން ނަތީޖާ މިއަދު ހެނދުނު 9:30 ގައި ލިބުނުއިރު މި ދެގެއިން ވެސް ދެ މީހުން ޕްޒިޓިވް ކަމަށް ސަމަދު ވިދާޅުވި އެވެ.
އެހެންކަމުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި ކޮންޓެކްޓް ޓްރޭސިން ހެދުމަށް މުޅި ރަށް މިވަގުތު މޮނިޓަރީންގެ ހަލަތަަށް ގެނެވި އާންމުން ބޭރަށް ނިކުތުން މަނާކުރެވިފައިވާ ކަމަށް ސަަމަދު ވިދާޅުވިއެވެ.
އެ ރަށް މިއަދު މެންދުރު 11:45 ހާއިރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ސަމަދު ވިދާޅުވީ އެ ދެމީހުން ކޮވިޑް ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. ކޮވިޑް ފެސިލިޓީއަށް ނުގެންދެވި ލަސްވަމުން ދަނީ ރަށުގައި ކޮވިޑް ފެސިލިޓީއެއް ނެތުމުގެ ސަބަބުން އެހެން ރަށަކުން ފެސިލިޓީއެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާތީ ކަމަށް ސަމަދު ވިދާޅުވިއެވެ.
މިލަދޫގައި މިވަގުތު ދަނީ ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ ކަންތަށް ކުރިއަށް ގެންދަމުންނެވެ. އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވެފައިވާކަން އެނގޭނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމާއިއެކު ކަމަށް ކައުންސިލުގެ ރައީސް މައުލޫމާތުދެ އެވެ.
އެ ރަށް މޮނިޓަރިންނަށް ލާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ރަށުގައި މޮނިޓަރިންގެ ހާލަތު ދެމި އޮންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ފޮނުވާފައިވާ އެންގުމުގައިވެއެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ލުމާއެކު ރަށުގައި މިވަގުތު ތިބި ފަރާތްތަކަށް އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ރަށަށް ފޭބުމާއި އެ އެޖެންސީގެ ހުއްދަ ނެތި މީހުން ރަށަށް އެރުން މަނާވާނެ އެވެ.