އެސްޓީއޯގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އެކުންފުނިން އާންމު ކޮށްފައިވާ އިރު، އެ ކުންފުނިން ބުނީ ފާއިތުވި އަހަރަކީ އެކުންފުނީގެ ތާރީހުގައި ވެސް މާލީގޮތުން އެންމެ ކާމިޔާބު އެއް އަހަރު ކަމަށެވެ.
އެގޮތުން ފާއިތުވި އަހަރު ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފައި ކަމަށް އެސްޓީއޯ އިން ފާހަގަކުރެ އެވެ.
ފާއިތުވި އަހަރު ނިމުނު އިރު އެސްޓީއޯގެ ދަށުން ސަބްސިޑަރީ ނުވަ ކުންފުންޏެއް ހިންގާފައިވެ އެވެ. މި ކުންފުނިތައް ހިމަނައިގެން މުޅީ އެސްޓީއޯ ގްރޫޕަށް 2019 ވަނަ އަހަރު ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. 2019 ވަނަ އަހަރު މުޅި އެސްޓީއޯ ގްރޫޕަށް ފައިދާގެ ގޮތުގައި 383 މިލިއަން ލިބިފައިވާ ކަމަށް އެސްޓީއޯގެ އަހަރީ ރިޕޯޓުން ދައްކަ އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރެއިން ފިއުލް ސަޕްލައި މޯލްޑިވްސް އަށް ފާއިިތުވި އަހަރު ލިބުނު އާމްދަނީ ވަނީ 2018 ވަނަ އަހަރާއި އަޅާބަލާ އިރު، 77 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެފްއެސްއެމް އަށް އާމްދަނީގެ ގޮތުގައި 6،458 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ފާހަގަކުރެ އެވެ. މިއީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރެއިން 2019 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ކުންފުންޏެވެ.
ރިޕޯޓްގައިވާ ގޮތުން ޓްރޭޑިން އިން އެސްޓީއޯ އަށް ވަނީ 2،646 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ.
އަދި މަސްވެރިކަމުގެ ވިޔަފާރިން އެސްޓީއޯ އަށް މިދިޔަ އަހަރު 1،359 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އިންޝުއަރެންސް ހިދުމަތުން އެސްޓީއޯ އަށް ވަނީ 210 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.
އޭގެ އިތުރުން ސިއްހީ ދާރިއާގެ އެކި ސާމާނު އެތެރެކޮށް އެކުންފުނިން 2019 ވަނަ އަހަރު ކޮށްފައިވާ ވިޔަފާރިން އާމްދަނީގެ ގޮތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފަ އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓް ދައްކާގޮތުން، 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 14 މިލިއަން ރުފިޔާ ލިބުނު ނަމަވެސް 2019 ވަނަ އަހަރު ނިމުނު އިރު ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ވަނީ 303 މިލިއަން ރުފިޔާ ލިބިފަ އެވެ.
އަދި ފާއިތުވި އަހަރު ކުންފުނީގެ ހިންގުމުގެ ފައިދާ 80 އިންސައްތަ އިތުރުވެފައި ވާކަމަށް އެސްޓީއޯ އިން ފާހަގަކޮށްފައި ވާއިރު، ފާއިތުވު އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 683 މިލިއަން ރުފިޔާ ލިބިފަ އެވެ.