މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައިވަނީ ޝުޖާއު އުސްމާނު މަގާމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހެޅި މައްސަލަ މަޖިލީގުގެ ކަމާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުން މިހާރު އާއްމުކޮށްފައިވާ އިރު، މާދަމާގެ ޖަލްސާގައި އޮތީ ޝުޖާއު އުސްމާނު ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހެޅި މައްސަލަ ދިރާސާކޮށް ކަމާއި ގުޅޭ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
ފަނޑިޔާރުންގެ މައްސަލަތަކާއި ގުޅޭ މަޖިލީހުގެ ދާއިމީ ކޮމިޓީއަކީ ޖުޑީޝަރީ ކޮމިޓީއެވެ. ޖޭއެސްސީން މިހާތަނަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ފަނޑިޔާރުންގެ މައްސަލަތައް އެ ކޮމިޓީން ބަލަމުން އަންނަނީ ޖޭއެސްސީން އެ މައްސަލަތަކުގެ އިޖުރާއުތައް ފުރިހަމަކޮށްފައިވޭތޯ އާއި މައްސަލަ ނިންމާފައިވަނީ އޮންނަ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމެވެ. މިހާތަނަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކުގައި ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި އެކު ގިނަ ފަނޑިޔާރުންވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދީފައެވެ.
އަމިއްލައަށް މަގާމުން އިސްތިއުފާ ދިން ފަނޑިޔާރުންގެ ތެރޭގައި ޝުޖާއު އުސްމާނާއި އެކު ހުވަދު އަތޮޅުގައި ކެމްޕެއިންގައި އުޅުނު ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބުވެސް ހިމެނެއެވެ. ޝުޖާއު އުސްމާނު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ހުށަހަޅާފައިވަނީވެސް ހަސަން ނަޖީބުއެކޭ އެއް ގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކެމްޕެއިން ކުރުމުގެ މައްސަލައަކާއި، އެ ދުވަސްވަރު ޝަރީއަތުގައި އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމައިދޭނެ ކަމަށް ބުނެ ކެމްޕެއިން ކުރި މައްސަލައެކެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ހުސްވި ހަފުތާ ތެރޭގައެވެ. ޝުޖާއު މަގާމުން ވަކިކުރަން މި ނިންމީ އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ތަހުގީގަކަށް ފަހު އެވެ.
ޝުޖާއު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޝުޖާއުއަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ދިނީ، ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނުނު އަބްދުﷲ ދީދީއަށް ސުޕްރީމް ކޯޓަށް އައްޔަން ކުރުމުންނެވެ. އަބްދުﷲ ދީދީ ވެސް ވަނީ ސީރިއަސް ގިނަ މައްސަލަތަކެއް ސާބިތުވެގެން މަގާމުން ވަކިކޮށްފައެވެ.
ޝުޖާއު އުސްމާނު ވަކިކުރުމުގެ މައްސަލަ މަޖިލީހާއި ހިސާބަށް ދިޔައިރު އެ ކޯޓުގައި މިހާރު ތިއްބެވީ 10 ފަނޑިޔާރުންނެވެ. އެ ކޯޓުން ހުސްވެފައިވާ ފަނޑިޔާރެއްގެ މަގާމަށް މީހަކު ހޮވުމުގެ މަސައްކަތް ޖޭއެސްސީން އަންނަނީ ކުރަމުންނެވެ.