ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ.
އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ.
އެގޮތުން، ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އެކު އެއްބަސްވެފައި ވަނީ ވެންޓިލޭޓަރަކަށް 288،914 ރުފިޔާ އަށެވެ. މިއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި އެކު އެއްބަސްވި އަދަދަށް ވުރެ 212،236 ރުފިޔާ ދަށް އަދަދެކެވެ. އެހެން ކަމުން އެ 65 އައިސީޔޫ ވެންޓިލޭޓަރު ގެންނަން އެއްބަސްވުމަށް 13.8 މިލިއަން ރުފިޔާ އިތުރުވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އޭގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް އާއި އެކު ވެންޓިލޭޓަރަކަށް 351،577 ރުފިޔާ އަށް އެއްބަސްވެފައިވާ އިރު މިއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި އެކު އެއްބަސްވި އަދަދަށް ވުރެ 149،573 އިތުރު އަދަދެކެވެ. އެހެން ކަމުން އެ 65 އައިސީޔޫ ވެންޓިލޭޓަރު ގެންނަން އެއްބަސްވުމަށް 9.7 މިލިއަން ރުފިޔާ އިތުރުވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އޮޑިޓާ ޖެނެރަލްސް އޮފީހުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާއިރު، މި ރިޕޯޓުގެ ތާރީހާ ހަމައަށް ވެންޓިލޭޓަރު ލިބިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަހުގީގުކުރުމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.