
މަބްރޫކް ވިދާޅުވީ ކޮންމެ މައުލޫމާތެއްވެސް ރައްޔިތުންނާއިި ހަމައަށް ގެނަސްދިނުމުގެ ކުރިން އެ ކަމަކާ ގުޅޭ މިނިސްޓްރީ އަކުން އެކަމުގެ މައުލޫމާތު ހޯދާ ކަމަށެވެ. އަދި ކޮންމެ މައުލޫމާތެއް ވެސް ފޯރުކޮށްދީފައި ވާނީ އޭގެ ސައްހަކަން މިނިސްޓްރީ އިން ކަަށަވަރުކުރުމަށް ފަހު ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވަނީ ކުންފުނިތަކުގެ ނަމާއި ޕޭމަންޓް ޑީޓެއިލް ތަކުގެ އިތުރުން ޑެލިވަރީ ޑީޓެއިލްތައް ވެސް ފޯރުކޮށްދީފައި ވަނީ މިނިސްޓްރީތަކުން މައުލޫމާތު ދިން ގޮތައްކަން ފާހަގަކޮށްފަ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައި ހުރި ކަންކަމާއި ގުޅިގެން މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، އޭނާ ވަނީ އެ ރިޕޯޓަކީ މިނިސްޓްރީތައް ޒިންމާދާރުވެރި ކުރުވާ ދެފުއް ފެންނަ ގޮތަށް ކަންތައްތައް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ވިދާޅުވެ ވަކި މަގާމަކަށް ބަލަން ނުޖެހޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް ހޫދު ވެސް ވަނީ އޮޑިޓް ރިޕޯޓް ސަރުކާރަށް ރަސްމީކޮށް ލިބުމާއެކު އޭގައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.