މިނިސްޓްރީގެ ފަރާތުން ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ މީގެ ކުރިންވެސް މިފަދަ ސެޝަންތަށް އެކި ސުކޫލްތަކުން އެދިގެން ބާއްވައިދީފައިވާނެ ކަމަށެވެ.
އެގޮތުން މިއަދު ކަލާފާނު ސްކޫލްގެ ގްރޭޑް 6 ގެ ދަރިވަރުންނަށް ބޭއްވި ސެޝަންއަކީވެސް އެ ސްކޫލުން އެދިގެން ބާއްވާފައިވާ ސެޝަންއެއްކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ސެޝަންގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި އާދަކާދައިގެ މަޢުލޫމާތުދީ، ސަގާފީ ތަރިކަ ރައްކާތެރިކަމާއެކު ދެމެހެެއްޓުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާ ކޮށްދީފައިވާނޭ ކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމަތު ދެއެވެ.
މީގެ ކުރިން މި މައުލޫމާތުތަށް ހެރިޓޭޖް މިނިސްޓްރީން ފޯރުކޮށްދެމުންދިޔައީ ސުކޫލްތަކުގެ ދަރިވަރުން ނެޝަނަލް މިއުޒިއަމްއަށް ޒިއާރަތް ކުރުމުންނެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމުގެ ގޮތުން ސުކޫލްތަކުން އަބަދުވެސް ސަގާފަތާއި ގުޅޭ މައުލޫމަތުތަށް މިގޮތަށް ދަރިވަރުންނަށް ހިއްސާކޮށްދެމުންދެއެވެ.
އެހެންނަމަވެސް ކޮވިޑް-19 ގައި ސުކޫލްތަށް ބައްދުކުރަން ޖެހުމުގެ ސަބަބުން ސުކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާތީ މިއުޒިއަމްއަށް ގޮސްގެން މިމައުލޫމާތުތައް ކުދިންނަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމާއިއެކު ސުކޫލްތަކުންދަނީ އޮންލައިންކޮށް މިފަދަ ސެޝަންތަށް ބާއްވަމުންނެވެ.
މިފަދަ ސެޝަންތައް ބޭއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފަތާއި ތާރީހީ ކަންކަމަށް ދަރިވަރުންގެ ހިތުގައި އޮންނަ ލޯބި އިތުރުވެ މިފަދަ ކަންކަމަށް އިތުރަށް ހޭލުންތެރި ވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.