
އިރްފާން މަރުވިއިރު އޭނާގެ ދޮށީ ދަރިފުޅު، ބަބިލް ހާން މިވަނީ އޭނާގެ ބައްޕަ، ބަލި އެނދުގައި އޮތްއިރު އެންމެ ފުރަތަމަ ވެސް އެހީ އަތް ދިއްކޮށްލީ ސަންޖޭ ދަތު ކަމަށް ބުނެފަ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ސަންޖޭ ދަތަށް ވެސް ކެންސަރު ޖެހިފައިވާކަން އެނގުނުއިރު އޭނާ މިހާރު އަންނަނީ މުމްބާއީގެ ހޮސްޕިޓަލަކުން ބައްޔަށް ފަރުވާ ހޯދަމުންނެވެ.
އެކަމާއި ގުޅިގެން އިރުފާންގެ އެންމެ ދޮށީ ދަރިފުޅު ބަބިލް ކުރި އިންސްޓަގްރާމު ޕޯސްޓެއްގައި ބުނީ އޭނާގެ ބައްޕައަށް ބަލި ޖެހުނުއިރު ވެސް އަދި ބައްޕަ މަރުވުމުން ވެސް އެހީތެރިވުމުގެ އަތް ދިއްކޮށްލި އެންމެ ފުރަތަމަ މީހަކީ ސަންޖޭ ކަމަށެވެ.
ބަބިލް ވަނީ ނޫސްވެރިންގެ ކިބައިން ވެސް ކަމަކަށް އެދިފަ އެވެ. އެގޮތުން މީޑިއާގެ ޒަރިއްޔާއިން ކުރިމަތިވާ ނުތަނަސްތަކާއި ނުލާއި ސަންޖޭއަށް އެކަމުން އަރައިގަނެވޭނެ ގޮތަށް މަސައްކަތް ކުރުމަށް އެދުނެވެ.
އޭނާ ވަނީ ސަންޖޭއަކީ އެކަމުން އަރައިގަނެވޭނެހާ ވަރުގަދަ މީހެއް ކަމަށް ވެސް ބުނެފަ އެވެ.
ބޮލީވުޑުގައި ކާމިޔާބު ފިލްމުތަކެއް ކުޅެ، ގިނަ ބައެއްގެ މަގްބޫލުކަން ސަންޖޭ ވަނީ ހޯދާފަ އެވެ. އޭނާ ކެންސަރުގެ ތިން ވަނަ ސްޓޭޖުގައި އުޅޭ ހަބަރު އިވި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެކަމަކު ސަންޖޭ ވަނީ އޭނާ ސިއްހީ ފަރުވާ ހޯދުމަށް ފަހު އަނބުރާ އަންނާނެ ކަމަށް ވެސް ބުނެފަ އެވެ.
އިރުފާނަކީ ކުޅަދާނަ ތަރިއެކެވެ. އެގޮތުން ހިންދީ މީޑިއަމް އާއި އެންގްރޭސީ މީޑިއަމް އަދި ލައިފް އޮފް ޕައިގެ އިތުރުން ބްލެކްމެއިލް އާއި ޕީކޫ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.