
ބައެއް ޑޮކްޓަރުން ދެކޭ ގޮތުގައި ވަރަށް ބާރު ތޮތްޕެއް ގިނަ ވަގުތަށް އަޅައިގެން މެނުވީ ތަލައެއް ނުވާނެ އެވެ. އަދި ތަލަވުމަކީ ޖެނެޓިކްސްއާ ގުޅިފައިވާ ކަމެއް ކަމަށް އެމީހުން ދެކެ އެވެ.
ޔޫސީއެލްއޭ ހެލްތުގެ ހަމުގެ ހާއްސަ ޑޮކްޓަރު ޑރ. ހޭލީ ގޯލްޑްބެކް ބުނެފައިވާ ގޮތުގައި ގިނަ ބަޔަކު މި ސުވާލު އޭނާއާ ވެސް ކުރެ އެވެ.
ޑރ. ހޭލީ ބުނާ ގޮތުގައި އެގޮތަށް ހީވަނީ ތަލަވާން ފެށުމުން ތޮފި އަޅާތީ އެވެ. އަދި ތޮފި އެޅި ނަމަވެސް ތަލަވުން ނުހުއްޓޭނެ ކަމަށާއި، އެކަމަކު ތޮފީގެ ސަބަބުން އިތުރަށް އިސްތަށި ފޭބުމަށް މަގުފަހި ނުވާނެ ކަމަށް ވެސް ބުނެ އެވެ.
ނިއުޔޯކުގެ މައުންޓް ސައިނާ މެޑިކަލް ސެންޓަރުގެ ޕްލާސްޓިކް ސާޖަން ޑރ. މައިކަލް ވުލްފެލްޑް ބުނާ ގޮތުގައި އިސްތަށި ފޭބުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޖެނެޓިކްސް އެވެ.
އަންހެނުންނާއި ފިރިހެނުންގެ ބޮލުން އިސްތަށި ފައިބާ، ތަލަވާން މެދުވެރިވަނީ ޑިހައިޑްރޯޓެސްޓޮސްޓެރޯން ނަމަކަށް ކިޔާ ހޯމޯނެއްގެ ސަބަބުން ކަމަށް އޭނާ ބުނެ އެވެ.
ޖެނެޓިކްސްގެ އިތުރުން މާ ބާރަށް އިސްތަޑިގަނޑު އެއްސުމާއި، ބާރަށް ގެތުން ފަދަ ކަންކަމުގެ ސަބަބުން ވެސް އިސްތަށި ފައިބާ، ތަލަވުން އެކަށީގެންވާ ކަމަށް ބައެއް ޑޮކްޓަރުން ބުނެ އެވެ.
އެގޮތުން މާ ބާރު ތޮތްޕެއް އެޅުމުން އިސްތަށި ފޭބުމަށް މަގުފަހިވެދާނެ އެވެ. އަދި ތޮފީގައި ހުންނަ ކުލަ ނުވަތަ ފޮތީގެ ސަބަބުން ވެސް އެކަމަކަށް މަގުފަހިވެދާނެ އެވެ.
ޖޯޖް ވޮޝިންގްޓަން ޔުނިވާސިޓީގެ ހަމުގެ ހާއްސަ ޑޮކްޓަރު ޑރ. އެޑަމް ފްރީޑްމޭން ބުނާ ގޮތުގައި ތަލަވާން ފަށާފައިވާ މީހަކު ތޮފި އަޅައިގެން އެލާޖިކް ރިއެކްޝަނެއް މެދުވެރިވެއްޖެ ނަމަ އިސްތަށި ފައިބާ ސްޕީޑް އަވަސްވެދާނެ ކަމަށެވެ.
އޭގެ އިތުރުން ވަރަށް މަދު ހާލަތްތަކުގައި ދިމާވާ މައްސަލައަކީ ދާހިއްލާއިރު ތޮފި އެޅުމުން އިސްތަށި ފޭބުމެވެ. މިގޮތަށް ވެސް ދިމާވަނީ ދާހިއްލުމުގެ ސަބަބުން ބޮލުގެ ހަންގަނޑު ހަލާކުވުމުންނެވެ.
ހުރިހާ ޑޮކްޓަރުން ވެސް އެއްބަސްވާ ކަމަކީ ތޮފި އެޅުމަކީ އާއްމު ގޮތެއްގައި ތަލަވާން މެދުވެރިވާ ސަބަބެއް ނޫން ކަމަށެވެ.
ނޯޓް: މިއީ ޓައިމްސް މެގެޒިންގައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ.