ads
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު--
ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި
އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމާއި ރިޝްވަތަށް އެދުމާއި، ރިޝްވަތުގައި ހިފުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އެ އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. 

އެ އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށް ލިބޭ އާމްދަނީ ނުވަތަ ދައުލަތުގެ ވަޒީފާގައި ހުރިއިރު ލިބުނު އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރުމާއި، އަމިއްލަ ނަމުގައި ނުވަތަ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި އާމްދަނީއާ ނުބައްދަލު މުދާ ހޯދާ މިލްކު ކުރުމަކީ ކުށެކެވެ.

އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލް ކުރީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީވެސް ކުށެއް ކަމަށް އިސްލާހުގައި ވެއެވެ.

އެ އިސްލާހުގައި ނުހައްގު މުއްސަނދިކަމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެވެ. އެގޮތުން އެ ކުށް ކުރީ ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރުން، މަޖިލިސް މެމްބަރުން ނުވަތަ ފަނޑިޔާރެއް ނަމަ މި އަދަބު ލިބުން އެކަށީގެންވެ އެވެ. 

ދައުލަތުގެ ވަޒީފާގައި އުޅޭ ނުވަތަ ކުރިން އުޅުނު އެހެން މީހެއް ނަމަ، ކުށުގެ އެންމެ ބޮޑު އަދަބަކަށް ވާނީ އަށް އަހަރުގެ ޖަލު ހުކުމެވެ.

ދައުލަތުގެ މުވައްޒަފަކު ރިޝްވަތަށް އެދުމާއި، ރިޝްވަތުގައި ހިފުމަކީ ކުށެއް ކަމަށް ބަޔާންކުރާ އިސްލާހުގައި ވަނީ އޭނާއަށް ނުވަތަ އެހެން މީހާކަށް ސީދާ އަދި ނުސީދާ ގޮތުގައި، އެނގިހުރެ މަންފާއެއް ހޯދަން އެދުމާއި، މަންފާ ގަބޫލުކުރުމަށް އެއްބަސްވުމަކީ ކުށެއް ކަމަށެވެ. 

އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ޖަލު ހުކުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް