އޮންލައިންކޮށް ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަ ފޯ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއާއި މިނިސްޓަ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރުންނާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ އިސް ފަރާތްތަކާއިއެކު ބޭއްވުނު މިބައްދަލުވުމުގައި މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އާޓްސްގެ އާޓް އެގްޒިބިޝަން، “އަންވީލިން ވިޒަންސް” އާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އެގްޒިބިޝަން ތައް ފަދަ ކަންތައްތަކާއި އެހެނިހެންވެސް މޯލްޑިވިއަން އާޓްސްގެ ފަރާތުން ކުރިއަށް ގެންދާ ކަންތައްތަކުގައި ހެރިޓޭޖް މިނިސްޓްރީގެ ފަރާތުންނާއި ޔޫތް މިނިސްޓްރީއާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ކަމަށް މިނިސްޓްރީ އޮފް އާޓްސްއިން ބުނެއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީން ބުނީ މިފަދަ ބައްދަލުވުންތައް ވަރަށް ގިނައިން އެ މިނިސްޓްރީން ބާއްވަމުންދާކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އެގްޒިބިޝަން އާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވަނީ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ހާލަތު ޕީކަކަށް ގޮސްދާނެކަމަށް ލަފާކޮށްފައި ކަމަށެވެ.
މޯލްޑިވިއަން އާޓްސްގެ އާޓް އެގްޒިބިޝަން، އަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އާޓިސްޓުންގެ ހުނަރާއި ދާއިރާއަށް އަލަށް އުފަންވާ އާޓިސްޓުންގެ ޓެލެންޓްތައް އެއްތަނަކުން ފެނިގެންދާ އެގްޒިބިޝަން އެކެވެ.
މި އެގްޒިބިޝަންތަކުގައި ބައިވެރިވާ މީހުންގެ މެދުގައި ވަނަ ހޮވާއިރު ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ހުނަރުވެރިންގެ މަސައްކަތްތައް އެގްޒިބިޝަންއިން ފެނިގެންދެއެވެ.