ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ސީނިއާ ސޮޕްޓްވެއާ ޑިވިލޮޕާ އަހްމަދު ޔާސިރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވަރަށް ކުރިންސުރެ މިކަންކަން ޕްރެކްޓިސް ކުރެވެމުން އަންނަކަމަށެވެ.
އެގޮތުން އެ ގައުމު ތަކުގެ ސްކޫލްތަކުގައި ކުދިންނަށް ކޯޑިން ކިޔަވައި ދިނުމާއި ވެބްސައިޓްތައް ހަދައި ވެބްސައިޓްތައް ޝޯކޭސްކޮށް އަދި އެންމެ ރަނގަޅަށް ވެބްސައިޓްތައް ހަދާ ކުދިންނަށް އިނާމް ދީ ހަދާކަމަށެވެ.
ރާއްޖޭގައިވެސް އެކަން ވަރަށް ކުރިން ކުރިކަން ފާހަގަކުރައްވާ ވިދާޅުވީ އެކަހަލަ ކަންތައްތައް އަލުން ގެންނަންޖެހޭ ކަމަށާއި ކޮމްޕެޓިޓިވް ވާންޖެހޭކަމަށެވެ.
ޔާސިރު ވިދާޅުވީ މިދާއިރާއިން އަލަށް ފަށައިގަންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށާއި އެހެންނަމަވެސް އެކަމުގައިވެސް ދަތިތަކެއް އެބަހުރިކަމަށެވެ. އެގޮތުން އެ ކަމަށް ބޭނުންވާ ހުނަރާއި އިންވެސްޓްމެންޓްތައް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.
ޔާސިރު ވިދާޅުވީ ކޮވިޑާއިއެކު ސްފްޓްވެއާ ޑިވިލޮޕްމެންޓްގެ މުހިންމުކަން އެގިގެން ގޮސްފައިވާކަމަށެވެ. އަދި މިހާރު ވަރަށް ގިނަ ފަރާތްތަކުން އެކަންތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ. ސުކޫލްތަކުގައިވެސް ކޯޑިން ކޭންޕްތައް ކަހަލަ ކަންކަން ބާއްވާންޖެހޭ ކަމަށް ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ މިިނިސްޓްރީގެ ފަރާތުން މިކަހަލަ ވަރަށް ގިނަކަންކަން ހިންގަމުންދާކަމަށެވެ. އެކަންކަމުގެ ނަފާ މިހާރު ނުފެނުނު ކަމުގައިވިޔަސް މުސްތަގުބޮލުގައި އެކަމުގެ މަންފާ ލިބިގެންދާނެކަމަށެވެ.
އޭގެ އިތުރުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް ފަށާގަންނަ ކުދިންނާއި އެކަމުގެ ހުނަރުހުރި ކުދިންގެ ހުނަރު ޝޯކޭސް ކުރެވޭނެ ތަނެއް ވަރަށް އަވަހަށް ހުޅުވާލެވޭނެކަަމަށެވެ.
މިޕޮލެޓްފޯމް ހުޅުވާލުމާއިއެކު ދާއިރާއަށް ނިކުންނަން ތިބި ކުދިންނާއި ހުނަރުތިބި އެންމެންގެ ހުނަރު ޝޯކޭސް ކުރުމުގެ ފުރުސަތު އެކުދިންނަށް ލިބިގެންދާނެކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.