ޕެރަގުއޭއަށް ވަގު ޕާސްޕޯޓެއްގައި އެތެރެވުމުގެ ކުށުގައި ރޮނާލްޑީނިއޯ ހައްޔަރުކުރީ މާރިޗު މަހު އެވެ. މާރިޗު މަހު ރޮނާލްޑީނިއޯ ހައްޔަރުކުރުމަށް ފަހު އެންމެ ފުރަތަމަ އޭނާ ބަންދުކޮށްފައި ހުރީ ޕެރަގުއޭގެ ޖަލެއްގަ އެވެ. ޖަލުގައި ހޭދަކުރި މުއްދަތަށް ފަހު ދެން އޭނާ ބަދަލު ކުރީ ގޭ ބަންދަށެވެ. ގޭ ބަންދުގެ މުއްދަތު ރޮނާލްޑީނިއޯ ގުނަމުން އަންނަނީ ޕެރަގުއޭގެ ލަގްޒަރީ ހޮޓަލެއްގައެވެ.
ޖަލުން، ގޭ ބަންދަށް ބަދަލުކުރީ ކަފާލާތުގެ ދަށުން 1.3 މިލިއަން ޕައުންޑު ބެހެއްޓުމަށް ފަހުއެވެ. ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލަ ރޮނާލްޑީނިއޯގެ މައްޗަށް ސާބިތުވުމަށް ވުރެ ގާތީ ނުވުމެވެ.
ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރިވި ރޮނާލްޑީނިއޯގެ ސައްހަ ޕާސްޕޯޓް އޮންނަނީ ބްރެޒިލްގެ އިމިގްރޭޝަނުން ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ބްލޮކްކޮށްފަ އެވެ. އެއީ އޭނާއާއި ގުޅޭ ގޮތުން ބެލި މައްސަލައެއްގައި ދައްކަން ޖެހުނު ޖޫރިމަނާއެއް ނުދައްކާ އޮތުމުގެ ސަބަބުންނެވެ.
މިހާރު ކުޅުން ހުއްޓާލާފައިވާ ރޮނާލްޑީނިއޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާވަނީ ދެހާސް ދެވަނަ އަހަރު ފީފާ ވޯލްޑްކަޕް ބްރެޒިލުން ކާމިޔާބު ކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ރޮނާލްޑީނިއޯވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގުވެސް ހޯދާފަ އެވެ.