ގައްސާން އެމަނިކުފާނުގެ ބައްޕާފުޅުގެ ދިފާއުގައި ނިކުންނެވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްލާހު ހުށަހެޅުއްވުމުން މަޖިލީހުގެ ރައީސް ނަޝީދު ރައީސް މައުމޫނަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓް އަކާއި ގުޅިގެންނެވެ.
ގައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އަނެއްކޮޅުން އޮޅުވާލީ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
އަދި އިސްތިއުފާ ދީފައި ބަގާވާތެއް ކަމަށް ވިދާޅުވާ ކަމަށްވެސް ގައްސާން ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ ވެރިކަމާއި ރައްޔިތުންގެ މަޖިލިހާއި ހުރިހާ ބާރެއް ލިބި ވެރިކަން ނުކުރެވުނީމާ ކުރީ ސަރުކާރު ނޫނީ ކޯލިޝަން މަތި އަޅުވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން ގައްސާން ވިދާޅުވީ ދޮގު ހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލެއް ނުކުރާނެ ކަމަށެވެ.
ގައްސާން މިހެން ވިދާޅުވިއިރު މަޖިލީހުގެ ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް މައުމޫނަށް އެމަނިކުފާނުގެ ވެރިކަމުގައި ވޯޓު އޮޅުވައިލެއްވި ކަމަށް ވިދާޅުވެ ބަހުގެ ހަމަލާއެއް ދެއްވާފައެވެ.
ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ 2007 ވަނަ އަހަރުގެ ވެރިކަމުގެ ނިޒާމުގެ ވޯޓު އޮޅުވާލާފައި ކަމަށެވެ.
ރައީސް މައުމޫންގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއް ވަނީ އެމަނިކުފާނު އޮޅުވާލައްވާ، މަކަރު ހައްދަވާފައި ކަމަށެވެ. އެގޮތުން 2007 ވަނަ އަހަރުގެ ނިޒާމުގެ ވޯޓު ވެސް ވަނީ އޮޅުވާލައްވާފައިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އޮޅުވާ ނުލައްވަނީ ހަމައެކަނި 2008 ވަނަ އަހަރުގެ ވޯޓު ކަމަށެވެ. އަދި އެ ވޯޓުންވީ ބަލި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެ އެވެ.
ރައީސް ނަޝީދުގެ އެވާހަކަތަކަށް ރައީސް މައުމޫންވެސް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ކަމަށާއި، އެމަނިކުފާނުގެ ހަޔާތްޕުޅުގައި ހުރިހާ ވޯޓެއް އޮޅުވާލެއްވި ނަމަ 2008 ގެ ވޯޓު އޮޅުވާނުލެއްވުނީ ކީއްވެތޯ ސުވާލުކުރެއްވި އެވެ.